ޚަބަރު

އޭޑީބީން 2 މިލިން ޑޮލަރުގެ ފަންނީ އެހީތެރިކަން ފޯރުކޮށްދެނީ


ދެ މިލިން ޑޮލަރުގެ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އޭޑީބީއާއި ދިވެހި ސަރުކާރާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ގައިންގަޔަށް އަރާ ބަލިތަކާއި، ޢާލަމީ ވަބާތަކާއި ދެކޮޅަށް ކުރާ މަސައްކަތް ހަރުދަނާ ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އޮންލައިންކޮށް އޭޑީބީގެ އިސް ފަރާތްތަކާއި އެކު ބޭއްވި މި ރަސްމީއްޔާތުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުގެ އިތުރުން ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނައީ ބައިވެރިވެވަޑައިގެންނެވިއެވެ.

އޭޑީބީން ފޯރުކޮށްދެނީ ޖުމްލަ ދެ މިލިއަން ފަންސާސްހާސް ޑޮލަރުގެ އެހީއެވެ. މި އެއްބަސްވުމުގެ ދަށުންދޭ އެހީގެ ތެރެއިން 50،000 ޑޮލަރު ފިޔަވާ ބާކީ ހުރިހާ އެހީތެރިކަމެއް ދެނީ ޖަޕާން ފަންޑް ފޯ ޕަވަޓީ ރިޑަކްޝަންގެ ހިލޭ އެހީގެ ދަށުންނެވެ.

އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް އޭޑީބީ އަކީ ރާއްޖެއަށް މީގެ ކުރީންވެސް ގިނަ އެހީތަކެއް ފޯރުކޮށްދީފައިވާ ބައެކެވެ. އެގޮތުން ކޯވިޑުން ރައްކާތެރިވުމަށް މިދިޔަ އަހަރު ޖުލައި މަހުގެ ތެރޭގައިވެސް އޭޝިއާ ޕެސިފިކް ޑިޒާސްޓަރ ރެސްޕޮންސް ފަންޑުގެ ދަށުން 1 މިލިއަން ޑޮލަރުގެ އެހީތެރިކަން ރާއްޖެއަށް ވަނީ ފޯރުކޮށްދީފައެވެ.

އަދި މީގެ ކުރިންވެސް ރާއްޖޭގައި ގައިންގަޔަށް އަރާ ބަލިތަކާ ދެކޮޅަށް ކުރާ މަސައްކަތަށްވެސް އޭޑީބީން ވަނީ 5 ލައްކަ ޑޮލަރުގެ އެހީއަކާއި 7 ލައްކަ 98 ހާސް ޑޮލަރުގެ އެހީއެއްވެސް ހަމަޖައްސާފައެވެ.