ކުޅިވަރު

ނަބީ އާއި ނަބާ ވޯލްޑް ޗެންޕިއަންޝިޕުން ފުރުސަތު ހޯދައިފި


ވޯލްޑް ޗެންޕިއަންޝިޕް ބެޑްމިންޓަން މުބާރާތުން ފުރުސަތު ހޯދައި ދެބެން ކަމަށްވާ އާމިނަތު ނަބީހާ (ނަބީ) އާއި ފާޠިމަތު ނަބާހާ (ނަބާ) ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ. މިއީ ވޯލްޑް ޗެންޕިއަންޝިޕް ބެޑްމިންޓަން މުބާރާތުގައި ރާއްޖޭގެ ކުޅުންތެރިން ވާދަކުރާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. މި އަހަރު ނަބާވަނީ އޮލިމްޕިކްސްގައި ވާދަކޮށް އެ މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފުރަތަމަ އަންހެން ބެޑްމިންޓަން ކުޅުންތެރިޔާގެ ޝަރަފްވެސް ހޯދައިފައެވެ.

ވޯލްޑް ޗެންޕިއަންޝިޕް ބެޑްމިންޓަން މުބާރާތް ކުރިއަށްދާނީ ސްޕެއިންގައި މިމަހުގެ 12އިން 19އަށެވެ. މިމުބާރާތުގެ ޑަބަލްސްގެ ބައިން ދެބެންކަމަށްވާ ނަބާ، ނަބީއަށް ފުރުސަތު ލިބުނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި އެ ދެ ކުޅުންތެރިންގެ ރޭންކިންއަށް ބެލުމަށްފަހުއެވެ. އެންމެ ފަހުން ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަނުން ނެރުނު ރޭންކިންއަށް ބަލާއިރު، ނަބާ އަދި ނަބީ ރޭންކު ކުރެވިފައިވަނީ 117ވަނަ އަށެވެ. މީގެ ކުރިން ނަބާ އާއި ނަބީ ވަނީ ދުނިޔޭގެ ރޭންކިންގެ އެންމެ މޮޅު 100 ޕެއަރގެ ތެރޭގައި ހިމެނިފައެވެ. މީއީ ރާއްޖޭގެ ބެޑްމިންޓަން ޕެއަރއަކަށް މިހާ ހިސާބަށް ދެވުނު ފުރަތަމަ ފަހަރުއެވެ.

ވޯލްޑް ޗެމްޕިއަންޝިޕްގެ ފުރަތަމަ ބުރުގައި ނަބާ އާއި ނަބީގެ ޕެއާ ވާދަކުރާނީ ރަޝިއާގެ އެކަޓެރީނާ މަލްކޯވާ އާއި އަލީނާ ޑަވްލެޓޯވާގެ ޕެއާއާ ދެކޮޅަށެވެ. މިއީ ދުނިޔޭގެ 34 ވަނައިގައި އޮތް ޕެއަރ އެކެވެ. އަންހެން ޑަބަލްސްގައި ނަބީހާ އާއި ނަބާހާގެ ޕެއާ ވަނީ ރާއްޖެ އަށް ބައިނަލްއަގުވާމީ މުބާރާތްތަކުން ނުވަ މެޑަލް ގެނެސްދީފައެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ 2019 ވަނަ އަހަރު ޕާކިސްތާން މުބާރާތުގެ ޑަބަލްސް ބައިން ހޯދި ރަން މެޑަލެވެ. މިއީ ބީޑަބްލިއުއެފުން ގަބޫލުކުރާ މުބާރާތެއްގައި ރާއްޖެއަށް އަންހެން ޑަބަލްސްއިން ހޯދައިދިން ފުރަތަމަ ރަން މެޑަލެވެ. ނަބާ އާއި ނަބީގެ ޕެއާ އަކީ އެންމެ ފަހުން ތިން ފަހަރު ވެސް ގައުމީ އަންހެން ޑަބަލްސް ޗެމްޕިއަނުންނެވެ. އަދި މިވަގުތު ނަބާ އާއި ނަބީ ތިބީ ބަންގްލަދޭޝް އިންޓަނޭޝަނަލް ޗެލެންޖުގައި ވާދަކުރަން ބަންގްލަދޭގައެވެ.