ވިޔަފާރި

އެކްސްޕޯ އަށް 6000 އަށްވުރެެ ގިނަމީހުން ޒިޔާރަތްކޮށްފި


އެކްސްޕޯ މޯލްޑިވްސް ދެހާސް ފަނަރައިގެ ނަމުގައި ކުރިޔަށް ގެންދަވާ ދިވެހި އުފެއްދުންތެރިކަމުގެ ޤައުމީ ފުރަތަމަ މަޢުރަޒަށް، ތިން ދުވަހުގެ ތެރޭގައި 6 ހާހަށްވުރެ ގިނަމީހުން ޒިޔާރަތްކޮށްފައިވާ ކަމަށް މަޢުރަޒު އޮފީހުން ހާމަކުރައްވައިފިއެވެ. މިއީ މީގެ ކުރިން ބާއްވަވާފައި މަސައްކަތްތެރިކަމުގެ މަޢުރަޒްތަކަށް ޒިޔާރަތްކުރި ނިސްބަތާ އަޅާބަލާއިރު ބޮޑު ޢަދަދެކެވެ. އެންމެ ފަހުން ރާއްޖޭގައި މަސައްކަތްތެރިކަމުގެ މަޢުރަޒް ބޭއްވެވީ މީގެ ބާރަ އަހަރު ކުރިނެވެ. އެ ދުވަސްވަރު މަޢުރަޒަށް ޒިޔާރްކުރާ މީހުން ޢަދަދު އުޅެނީ ގާތްގަނޑަކަށް 4 ހާހުގައެވެ.މި ފަހަރުގެ މަޢުރަޒް ޢާމުންނަށް ހުޅުއްވާލެއްވީ މި ޑިސެމްބަރ މަހުގެ 23 ވަނަ ދުވަހުއެވެ. މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް މަޢުރަޒް ކުރިޔަށް ގެންދެވުމަށް ވަނީ ހަމަޖެހިފައިވެއެވެ. މިފަހަރުގެ މަޢުރަޒުގައި ތިން ހާސް ފަސްސަތޭކަ އަށްވުރެ ގިނަ އައިޓަމްސް ބައިވެރިކޮށްފައިވާކަމަށް އެކްސްޕޯ މޯލްޑިވްސް އިން މައުލޫމާތުދެއްވައެވެ.ދިވެހިންގެ އުފެއްދިންތެރިކަމާއި ފަންނުވެރިކަން ދައްކުވައިދޭ މި މަޢުރަޒަށް ފަތުރުވެރިން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެގޮތުން ރިސޯޓްތަކާއި ވާހަކަދައްކަވައިގެން ފަތުރުވެރިން ގެނައުމަށްޓަކައި މަސައްކަތް ކުރަމުންދާކަމަށްވެސް މަޢުރަޒް އޮފީހުން ވިދާޅުވެއެވެ. މަޢުރަޒުގެ ހުރި ތަކެތި ބައްލަވައިގަތުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، މިހާރުވެސް މައުރަޒުން ތަކެތި ގަތުމާއި، ރިޒާވްކުރުމުގެ ކަންކަން ކުރިޔަށް އެބަގެންދަވައެވެ.