ޑިޖިޓަލްކޮށް ސިއްހީ ރިކޯޑުތައް މެނޭޖް ކުރުމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގައި، ހޮސްޕިޓަލް މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމެއް ޤާއިމްކޮށްފިއެވެ. 
އެ ހޮސްޕިޓަލުން ވިދާޅުވީ ހޮސްޕިޓަލުގެ ކަންކަން ހަރުދަނާކޮށް ފެންވަރު ރަނގަޅު ކުރުމަށް ގާއިމު ކޮށްފައިވާ މި ސިސްޓަމަކީ ޑިޖިޓަލްކޮށް ސިއްހީ ރިކޯޑުތައް މެނޭޖް ކުރުމަށް އަޅާފައިވާ މުހިއްމު ފިޔަވަޅެއްކަމަށެވެ. އަދި އެ  ހޮސްޕިޓަލުގެ ޚިދުމަތްތައް ރައްޔިތުންނަށް ފަސޭހަކަމާއެކު އޮންލައިންކޮށް ފޯރުކޮށްދިނުމަށްޓަކައި އެޗްއެމްއައިއެސްގެ ދަށުން އައިޖީއެމްއެޗް މޮބައިލް އެޕްލިކޭޝަނެއްގެ އިތުރުން ޕޭޝަންޓް ޕޯޓަލްގެ ނަމުގައި އޮންލައިން ޕޯޓަލްއެއް ތަޢާރަފްކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ. 
މިޚިދުމަތާއެކު އޮންލައިންކޮށް އެޕޮއިންޓްމަންޓް ހެއްދުމާ، ބޭސް ސިޓީ، ލެބް ރިޕޯޓް އަދި އެހެނިހެން ރިޕޯޓުތައް ބަލައި، ޑައުންލޯޑު ކުރެވުމުގެ އިތުރަށް ބިލުތައްވެސް ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ބަލާލެވޭނެ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ. 
މީގެ އިތުރުން އަމިއްލަ އެކައުންޓަށް އާއިލާގެ މެންބަރުން އެޑްކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ. 
1 ޑިސެންބަރު 2021 ވަނަ ދުވަހުން ފެށިގެން އެންޑްރޮއިޑް ހުރިހާ ފޯނަކަށްވެސް މި އެޕްލިކޭޝަން ޑައުންލޯޑު ކުރެއްވޭނެއެވެ. އަދި ކައިރި މުސްތަގުބަލެއްގައި އައިއޯއެސް ފޯނުތަކަށް ވެސް އައިޖީއެމްއެޗްގެ މޮބައިލް އެޕްލިކޭޝަން ޑައުންލޯޑު ކުރެއްވޭނެކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ. 
މި އެޕްލިކޭޝަން އައިޖީއެމްއެޗްގެ ވެބްސައިޓުންވެސް ޑައުންލޯޑު ކުރެވެއެވެ. އެ ހޮސްޕިޓަލުން އަބަދުވެސް މަސައްކަތް ކުރަމުންދާނީ ޚިދުމަތް ލިބިގަންނަ ހުރިހާ ފަރާތްތަކާ ވެސް ގާތުން މަސައްކަތް ކުރުމާއެކު ލުއިފަސޭހަކަމާއެކު ޚިދުމަތް ލިބިގަނެވޭނެފަދަ ނިޒާމެއް ގާއިމްކުރުމަށް ކަމަށް އައިޖީއެމްއެޗްއިން ވިދާޅުވެއެވެ.