ޚަބަރު

ބޭސް އެތެރެކުރުން ހުއްދަ ނެތް ބަޔަކު އެތެރެކުރި އައިވީގައި މައްސަލަތަކެއް


ރާއްޖެއަށް ބޭސް އެތެރެކުރުމުގެ ހުއްދަ ނެތްބަޔަކު އެތެރެކޮށްގެން ވިއްކަމުންދާ އާރުއެލްގެ ބާވަތުގެ އައިވީ ބޭނުންކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މަނާކޮށްފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭއިން ވިދާޅުވީ މާލޭގެ ހޮސްޕިޓަލެއްގެ ބޭސްފިހާރައެއްގައި ވިއްކަން ބަހައްޓަފައި ހުރި "އާރްއެލް" އައިވީ ފުޅިތަކަކުން ކޮލިޓީގެ މައްސަލަތަކެއް ފާހަގަވެފައިވާކަމަށެވެ. އަދި މިއީ އެމްއެފްޑީއޭއިން ހުއްދަ ދީފައިވާ އައިވީގެ ބާވަތެއް ނޫންކަމަށްވެސް އެމްއެފްޑީއޭއިން ވިދާޅުވެއެވެ. އެހެންކަމުން މިބާވަތުގެ އައިވީ ވިއްކުމަށް ރާއްޖޭގެ އެއްވެސް ފާމަސީއެއްގައި ހުރިނަމަ ވަގުތުން ނެގުމަށް އެމްއެފްޑީއޭއިން ވަނީ އަންގާފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްއެފްޑީއޭއިން ވިދާޅުވީ ރާއްޖެއަށް އެތެރެކުރެވޭ ބޭހުގެ ހުރިހާ ބާވަތަކީ އޭގެ ސޭފްޓީ ރާއްޖޭގެ ބޯޑަރުން ޗެކްކުރެވިގެން އެތެރެކުރެވޭ އެއްޗެއްކަމަށެވެ. އަދި މިހާރު ފާމަސީއިން ނަގާފައިވާ "އާރްއެލް"ގެ އައިވީ ފުޅިތަކަކީ ބޭސް އެެތެރެކުރުމުގެ ހުއްދަ އޮތް ކުންފުންޏަކަށް އެތެރެކޮށްފައިވާ އެއްޗެއް ނޫންކަމަށްވެސް އެ އޮތޯރިޓީން ވިދާޅުވެއެވެ. އަދި ބޮޑަށް ބެލެވެނީ މިއީ ބަޔަކު ރާއްޖެއިން ބޭރަށް ދަތުރުކުރުމަށްފަހު، ރާއްޖެ ގެނެސް ވިއްކަން ބަހައްޓަފައިވާ ތަކެތިކަމަށް އެމްއެފްޑީއޭއިން ވިދާޅުވެއެވެ. އެހެންކަމުން ހޮސްޕިޓަލާއި ކަމާގުޅޭ ފަރާތްތައް ގުޅިގެން މިމައްސަލަ ބަލަމުންދާކަމަށް އެމްއެފްޑީއޭއިން ވިދާޅުވެއެވެ.

ރާއްޖެއަށް ބޭސް އެތެރެކުރުމުގައި ކަށަވަރުކުރަންޖެހޭ ރައްކާތެރިކަމުގެ އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ރާއްޖެއަށް ބޭސް އެތެރެކުރެވޭނީ އެމްއެފްޑީއިން ހުއްދަދީފައިވާ ވަކި ކުންފުނިތަކަކަށެވެ. އަދި ގެންނަ ބޭހާއި ބޭހުގެ ކޮލިޓީއާއި ބޭސް އުފެއްދި ތަނެއްގެ މަޢުލޫމާތު އެ އިދާރާއަށް ހުށައަޅާ ހުއްދަ ހޯދަންޖެހެއެވެ. އަދި ބޭހުގެ ސޭފްޓީ ކަށަވަރުކުރުމަށް ހެދިފައިވާ އުސޫލުތަކަށް އަމަލުކުރަމުންދާ މިންވަރު ބަލާ އެނޭލިސިސް ރިޕޯޓު އެކުލަވާލާ އެމްއެފްޑީއޭއިން އަންނަނީ މޮނީޓަރކުރަމުންނެވެ.