ޚަބަރު

ޒުވާނުން ތަމްރީނުކުރުމާ ގުޅޭ އެއްބަސްވުމެއްގައި އެމްޑަބްލިއުއެސްސީ އާއި ޔޫތު މިނިސްޓްރީން ސޮއިކޮށްފި


ޒުވާނުން ތަމްރީނުކުރުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާއި އެމްޑަބްލިއުއެސްސީ އާއި ދެމެދު އެމް.އޯ.ޔޫ.އެއްގައި ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގައި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހްއެވެ. ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ ހުސައިން އިސްމާޢީލެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިސްނަގައިގެން ކުރިއަށް ގެންދާ 'ހުނަރު' ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން އެމް.ޑަބްލިޔު.އެސް.ސީން ހިންގާ ފުރަތަމަ 02 ބެޗްގައި 17 ދާއިރާއަކުން 73 ޒުވާނަކަށް ފުރުޞަތު ލިބިގެންދާނެއެވެ. މީގެ އިތުރުން އެމް.ޑަބްލިޔު.އެސް.ސީގައި މިވަގުތު މަސައްކަތްކުރާ 15 މުވައްޒަފެއްވެސް މިޕްރޮގްރާމްގައި ބައިވެރިވެއެވެ. އެގޮތުން ޕްރޮގްރާމްގައި ކޮންމެ ބެޗެއްގެ ބައިވެރިން 06 މަސްދުވަހުގެ މުއްދަތަށް އެމް.ޑަބްލިޔު.އެސް.ސީ ގައި މަސައްކަތްކޮށް، ބައިވެރިވާ ދާއިރާގެ ހުނަރުތައް ޢަމަލީ ގޮތުން ދަސްކޮށް، ތަމްރީން ވެގެންދާނެއެވެ. މިޕްރޮގްރާމް މިމަސްތެރޭގައި ފެށިގެންދާނެ ކަމަށްވެސް އެ ކުންފުނިން ހާމަކުރައްވައެވެ.

އަދި މި ޕްރޮގަރާމްގައި ތަމްރީނުވާ ކޮންމެ ބައިވެރިއަކަށް ކަނޑައެޅިފައިވާ އުޖޫރައެއް، އެލަވަންސްގެ ގޮތުގައި ލިބޭނެ ކަމަށްވެސް ޝާހް ވިދާޅުވިއެވެ.

"އެމްޑަބްލިއުއެސްސީގެ އުންމީދަކީ މި ޕްރޮގްރާމްގެ ސަބަބުން މުޖުތަމައުގައި ވަޒީފާގެ ފުރުސަތު ނުލިބިތިބި ޒުވާނުންނަށް އެ ފުރުސަތު ތަނަވަސްކޮށްދީ މުޖްތަމައުގައި ބޭނުން ހިފޭ ޒުވާން މަސައްކަތްތެރިންތަކެށް ބިނާކުރުން. " އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހުވިދާޅުވިއެވެ.

ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހުސައިން އިސްމާޢީލުގެ ވާހަކަފުޅުގައި، މި ޕްރޮގްރާމް ހިންގުމުގެ މަޤްސަދަކީ ސްކޫލް ދައުރު ނިންމާ، އެކެޑަމިކަލީ ކުރިއަށް ނުދާ ކުދިން ތަމްރީނުކޮށް ވަޒީފާގެ ފުރުސަތު ހޯދާދިނުންކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން އެ މިނިސްޓްރީގެ އަމާޒު ހިފީ މި ޕްރޮގްރާމްގެ ދަށުން މިއަހަރު 3،000 ޒުވާނުން ތަމްރީނުކުރުންކަމަށާއި ނަމަވެސް މި ޕްރޮގްރާމް ފަސްވުމާއި ގުޅިގެން އެއަމާޒަށް ވާސިލް ނުވެވުނުކަން ފާހަގަކުރެއްވިއެވެ.

06 މަސްދުވަހުގެ މި ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 3 ގެ ސްޓްފިކެޓް ލިބޭ ޕްރޮގްރާމެކެވެ.