ޚަބަރު

ކޮންޓިންޖެންސީ ބަޖެޓުން ރައީސް ޔާމީންގެ އިނާޔަތް ހަމަޖައްސައިފި


ފަސް އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރައްވަމުންދިޔަ، ރައީސް ޔާމީން އިއްޔެ ސްޕްރީމް ކޯޓުން މިނިވަން ކުރުމާއެކު ކުރީ ރައީސުންނަށް ދައުލަތުން ދޭންޖެހޭ ޢިނާޔަތް ހަމަޖައްސާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މި އަހަރަށް ފާސްކުރި ބަޖެޓާއި، އަންނައަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި ކުރީގެ ރައީސުންގެ ޢިނާޔަތްތައް ދޭން ހިމެނީ ކުރީގެ ރައީސުންގެ ތެރެއިން މައުމޫން ޢަބްދުލްޤައްޔޫމާއި މުޙައްމަދު ނަޝީދާއި މުޙައްމަދު ވަހީދަށެވެ. ޔާމީންގެ ޚަރަދުތަކަށް ފައިސާ ބަޖެޓު ނުކުރީ، ދެއަހަރު ވެސް ބަޖެޓު ފާސްކުރިއިރު ޖިނާއީ ކުށެއް ސާބިތުވެ އެ މަނިކުފާނު ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާތީއެވެ.

ޤާނޫނުގައި ބުނާގޮތުން ޖަލުހުކުމެއް ތަންފީޒު ކުރަމުންދާނަމަ ކުރީގެ ރައީސުންނަށް ދައުލަތުން ޢިނާޔަތް ހަމަޖައްސަން ނުޖެހުމެވެ. މިގޮތުން 2018ވަނަ އަހަރު ރައީސް ނަޝީދާއި، ރައީސް މައުމޫނަށްވެސް އޭރު ހަމަޖެއްސި ޢިނާޔަތް ޖަލަށް ހުކުމް ކުރުމުން ކަޑާލުމަށްފަހު، ހުކުމް ބާޠިލް ކުރުމުން އަލުން އިނާޔަތް ދޭން ފަށާފައިވާކަމަށެވެ.

މިއަހަރުގެ ބަޖެޓްގައި ޖަލުހުމުގައި ހުންނެވުމުން ރައީސް ޔާމީންގެ އިނާޔަތް ނުހިމެނި އޮތް ނަމަވެސް ކޮންޓިންޖެންސީ ބަޖެޓުގެ ތެރެއިން އެފައިސާ ހަމަޖައްސާފައިވެއެވެ. ރައީސް ޔާމީނަށް ލިބެންޖެހޭ ޢިނާޔަތްތައް ހަމަޖައްސަން އަންނަ އަހަރުގެ ބަޖެޓުން ޚަރަދުވާނީ ހަތަރު މިލިއަން ރުފިޔާއެވެ.

ރައީސް ޔާމީނަށް ލިބޭ ޢިނާޔަތްތަކުގެ ތެރޭގައި މާލީ އިނާޔަތުގެ ގޮތުގައި މަހަކު 75،000 ރުފިޔާއާއި، ދިރިއުޅުއްވާ ތަނުގެ ހަރަދަށް 175،000 ރުފިޔާއާއި، އޮފީސް ހިންގުމުގެ ޚަރަދަށް، 175،000 ރުފިޔާގެ އިތުރުން ބޭސްފަރުވާއަށް 58،333.33 ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

ކުރީގެ ރައީސުންގެ ގާނޫނުގެ 10ވަނަ މާއްދާގައިވަނީ ރައީސުލްޖުމްހޫރިއްޔާ، އޭނާގެ މަގާމުގައި ހުރިއިރު، ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވާ ވަގުތުން ފެށިގެން، އޭނާއާއި އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް މިގާނޫނުގެ ދަށުން ލިބިދޭ އެއްވެސް ރައްކާތެރިކަމަކާއި އިނާޔަތެއް ނުލިބޭނެއެވެ.