ވިޔަފާރި

ކޮންސްޓްރަކްޝަން ސާމާނު ވިއްކުމަށް އެސްޓީއޯއިން 60 އެޖެންޓުން ޢައްޔަންކޮށްފި

އެސްޓީއޯއިން ރާއްޖެއަށް އެތެރެކުރާ ކޮންސްޓްރަކްޝަން ސާމާނު ރަށްރަށުގައި ވިއްކައިދިނުމުގެ މަސައްކަތް ކޮށްދިނުމަށް 60 އެޖެންޓުން އައްޔަންކޮށްފިއެވެ.

އެސްޓީއޯއިން ކޮންސްޓްރަކްޝަން ސާމާނު ވިއްކުމަށް އެޖެންޓުން ހޯދަން އިއުލާންކޮށްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު ވިދާޅުވީ، އެސްޓީއޯއިން އަބަދުވެސް ކުދި ވިޔަފާރިތައް ކުރިއެރުވުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ދެކޭކަމަށެވެ. އެގޮތުން ކޮންސްޓްރަކްޝަން އެޖެންޓުކަން ކުރަންބޭނުންވާ ފަރާތްތަކަށް އެސްޓީއޯއިން އެފުރުސަތު ހުޅުވާލިކަމަށާ، މިހާތަނަށް 60 ފަރާތަކަށް އެޖެންޓުކަން ކުރުމުގެ ހުއްދަ ދީފައިވާކަމަށް އަމްރު ވިދާޅުވިއެވެ.

"މިވަގުތު އަޅުގަނޑުމެން ހުޅުވާލާފައި އޮންނާނެ ކޮންސްޓްރަކްޝަން އެޖެންޓުކަން ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު،. އަޅުގަނޑުމެން ބޭނުންވަނީ ރާއްޖޭގެ ހުރިހައި ރަށެއްގައިވެސް ފަސޭހަކަމާއިއެކީގައި ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް އެ ވިޔަފާރިތަކަށް ވަދެ ވިޔަފާރި ކުރެވުން،. އަޅުގަނޑުމެން އެޖެންޓުކަން ހުޅުވާލީމަ 60 ފަރާތަކުން މިހާރު ވަނީ އެޖެންޓުކަން ނަގާފައި. އަދި އޭގެތެރޭގައި އެބަތިބި ކުރިން ކޮންސްޓްރަކްޝަން ވިޔަފާރި ނުކުރާ ފަރާތްތައްވެސް މިހާރު ހަމަ ވަރަށްރަނގަޅަށް ކޮންސްޓްރަކްޝަން މެޓީރިއަލް ނަގައިގެން އެ ވިޔަފާރި ކުރަމުންދަނީ." އަމްރު ވިދާޅުވިއެވެ.

އެޖެންޓުންގެ މަސައްކަތަކަށްވާނީ އެސްޓީއޯއިން ވިއްކާ ކޮންސްޓްރަކްޝަން ސާމާނު ކަނޑައަޅާފައިވާ އަތޮޅުތަކުގައި ވިއްކުމުގެ ޚިދުމަތް ދިނުންކަމަށް އެސްޓީއޯއިން ހާމަކުރެއެވެ. އެގޮތުން ވިއްކުމަށް ހަމަޖެހިފައިވަނީ ސިމެންތި، ހިލަ، ހިލަވެލި، ދަގަނޑު، ފްލައިވުޑް، ދަގަނޑު، ހޮޅީގެ އިތުރުން ޓިނު އަދި ޓިނާބެހޭ ސާމާނެވެ.

ކޮންމެ އަތޮޅަކުން ނެގުމަށް ހަމަޖެހިފައި ވަނީ 02 އެޖެންޓުންނެވެ. އެގޮތުން ނެގޭ އެޖެންޓުގެ ގޮތުގައި އައްޔަންކުރެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމާބެހޭ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ނުވަތަ ވިޔަފާރިއެއް ހިންގާ ފަރާތްތައްކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ.