ޚަބަރު

ސީލައިފް ފްލެޓް ގަތް މީހުންނަށް "ވިނަރެސް" ފްލެޓް ގަތުމުގެ މުއްދަތު އިތުރުކޮށްފި


ސީލައިފްއިން ފްލެޓް ގަތުމަށް ފައިސާދެއްކި މީހުންނަށް ސަރުކާރުގެ ހައުސިން ޕްރޮޖެކްޓް "ވިނަރެސް"އިން އެޕަރޓްމަންޓް ގަތުމުގެ އެޗްޑީސީން ހުޅުވާލި ފުރުސަތު އިތުރުކޮށްފިއެވެ.

ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ޙާވާލުކޮށް 3000 ހައުސިންގ ޔުނިޓްގެ މަޝްރޫޢެއް އިޢުލާންކުރީ 2016ވަނަ އަހަރުއެވެ. އަދި އޭރު މި މަޝްރޫޢުން ފްލެޓު ގަތުމަށް ގިނަބަޔަކު ފްލެޓަށް ފައިސާވެސް ދެއްކިއެވެ. ނަމަވެސް ދިގުމުއްދަތެއް ފާއިތުވި، ފްލެޓްގެ މަސައްކަތް ނުނިމި ޕްރޮޖެކްޓްގައި ބައިވެރިވި މީހުންނަށް ބޮޑު ގެއްލުމެއް ވަނީ ލިބިފައެވެ.

ސީލައިފުން ފްލެޓް ގަތުމަށް ފައިސާ ދެއްކި މީހުންނަށް ސަރުކާރުގެ ހައުސިން މަޝްރޫޢު "ވިނަރެސް"އިން އެޕާޓްމަންޓް ގަތުމަށް މިދިޔަ މަހުގެ 28ވަނަ ދުވަހަށް ހުޅުވާލި މުއްދަތުވަނީ އަންނަ މަހުގެ 6ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.

އެޗްޑީސީން ވިދާޅުވެފައިވަނީ މުއްދަތު އިތުކޮށްފައިވަނީ ގިނަބަޔަކަށް ރަޖިސްޓަރ ކުރުމަށްދިން މުއްދަތުގައި ރަޖިސްޓްރީ ނުކުރެވުމުގެ ޝަކުވާ ލިބެމުންދާތީ، ކުރިން ހުޅުވާލި ފުރުޞަތުގައި ރަޖިސްޓަރ ނުކުރެވުނު ފަރާތްތަކަށް އެފުރުޞަތު ދިނުމުގެ ގޮތުންކަމަށެވެ.

ސީލައިފް މައްސަލައިގެ "ސެޓްލްމަންޓްގެ އެގްރިމެންޓް"ގެ ދަށުން ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން އެޗްޑީސީއަށް ލިޔުން ހުށަހަޅާ، ފައިސާ ރީފަންޑް ކޮށްދީފައިވާ ފަރާތްތަކަށް ފުރުޞަތުވަނީ ހުޅުވާލާފައެވެ. ވިނަރެސް މަޝްރުޢޫގައި 1344 ހައުސިންގ ޔުނިޓް ހިމެނެއެވެ. އެއީ މުޅިންވެސް 3 ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. މީގެތެރޭގައި 4 ބާވަތެއްގެ ހައުސިންގ ޔުނިޓްތައް ހިމެނެއެވެ. އަދި މިއެޕަރޓްމަންޓްގެ މަސައްކަތުގެ ބޮޑުބައެއް މިހާރުވަނީ ނިމިފައެވެ.

ހިޔާ ޔުނިޓްތައް ދޫކޮށްލާ މީހުންވެސް "ވިނަރެސް" ޕްރޮޖެކްޓުން ފްލެޓް ގަތުމުގެ ފުރުޞަތު އެޗްޑީސީން ހުޅުވާލިއެވެ.