ޚަބަރު

ޢަލީ ވަޙީދު ހައްޔަރުކޮށްގެން ރާއްޖެ ގެނައުމަށް އަމުރުކޮށްފި


ކުރީގެ ޓުއަރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ހައްޔަރުކޮށްގެން ރާއްޖެ ގަނައުމަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރެފިއެވެ.

ޢަލީ ވަޙީދުގެ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންނަށް ހުށަހަޅާފައި މިވަނީ، ޢަލީ ވަޙީދު ޙާޒިރުނުވުމުން އޭނާ ޖާމިނުކޮށްފައިވާ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު ޢަލީއަށް ފިޔަވަޅު އަޅަން ކްރިމިނަލް ކޯޓުން ނިންމަފައި ވަނިކޮށެވެ.

ކްރިމިނިލް ކޯޓުން މިއަމުރު ނެރެފައިވަނީ މިދިޔަ މަހުގެ 28ވަނަ ދުވަހު 72 ގަޑިއިރުގެ މުހުލަތަކަށެވެ. ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ޢަލީ ވަހީދު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރައްވާފައިވާ އަމުރު ތަންފީޒު ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

އަލީ ވަހީދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރީ އޭނާގެ މައްޗަށް ތުހުމަތުކުރެވުނު ޖިންސީ ގޯނާގެ މައްސަލައިގެ ޝަރީއަތަށް ކޯޓުގައި ފަށައިފައިވަނިކޮށެވެ. ބޭސް ފަރުވާއަށް އަލީ ވަހީދު ފުރަން ކޯޓުން އޭނާގެ ޕާސްޕޯޓް ދޫކޮށްލީ އަސްހަދު އަލީ ޖާމިނުވުމުންނެވެ. އަސްހަދު ޖާމިނުވެފައިވަނީ ހަތަރު މަސްދުވަހުގެ ތެރޭގައި އަލީ ވަހީދު ރާއްޖެ ނައިސްފިނަމަ ޒިންމާ އަސްހަދު ނަގާ ގޮތަށެވެ. އެހެންނަމަވެސް މިދިޔަ ފެބްރުއަރީ މަހު ރާއްޖެއިން ބޭރަށް ދިޔަ ގޮތަށް އަލީ ވަހީދު ދިރިއުޅެމުން އަންނަނީ އިނގިރޭސިވިލާތުގައެވެ.

މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިންގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމާއި ގުޅިގެން ވަޒީރުކަމުން އިސްތިއުފާދެއްވުމަށް ޢަލީ ވަޙީދު އެންގެވިއެވެ. އެހެންނަމަވެސް ޢަލީ ވަޙީދު މަޤާމުން އިސްތިއުފާނުދެއްވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޓްއަރިޒަމް މިނިސްޓްރީގެ ވަޒީރުކަމުން މިދިޔަ އަހަރުގެ ޖުލައި މަހުގެ 9 ވަނަދުވަހު އޭނާ ވަކިކުރައްވާފައެވެ.