ޚަބަރު

ޝަރުއީ ނިޒާމު ހަރުދަނާވެ، ކުރާ އިތުބާރު ދަނީ ބޮޑުވަމުން: ނަޝީދު


ރާއްޖޭގެ ޝަރުއީ ދާއިރާ ހަރުދަނާވެ، ޝަރުއީ ދާއިރާއަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހާއި ގުޅޭގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ބާއްވަވާ "އާސްކް ސްޕީކަރ" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝަރުއީ ނިޒާމުގެ މިނިވަންކަމާއި ގުޅޭގޮތުން އާންމު ރައްޔިތަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ޝަރުއީ ދާއިރާ އިސްލާހު ވަމުންދާތަން ފެންނަ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ރައީސް ޔާމީނަށް ކުރެއްވި ހުކުމުން ރާއްޖޭގެ ކޯޓުތަކަށް ޚާއްސަކޮށް، ސްޕްރީމް ކޯޓަށް ރައްޔިތުންގެ އިތުބާރު ލިބިގެން ގޮސްފައިވާކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މިއީ ރާއްޖޭގެ ދިގު ތާރީހުގައި ވެރިކަން ކުރި ވެރިއަކު، ވެރިކަން ނިމުމަށްފަހު ކުރެވުނު ހުކުމަކުން ޝަރުއީ މަރުހަލާއިން މިނިވަންވި ފުރަތަމަ ހުކުމުގެ ގޮތުގައި ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން މިއީ ޝަރުއީ ދާއިރާއަށް އަންނަމުންދާ ހެޔޮ ބަދަލުގެ ނަތީޖާގެ ގޮތުގައި ރައީސް ނަޝީދު ސިފަކުރެއްވިއެވެ.

"ދިވެހިރާއްޖޭގެ ކުރީގެ ވެރިޔަކު، ރައީސަކު ދޫކޮށްލުމަށް ނުވަތަ މިނިވަން ކުރުމަށް ރާއްޖޭގެ ފަނޑިޔާރު އިއްވި ފުރަތަމަ ފަހަރު. ވެރިކަމުން ބޭރުގައި އެބާވަތުގެ ކަމެއްވީ ފުރަތަމަ ފަހަރު. މިރާޖޭގެ 2،000 އަހަރުވީ ވެރިކަމުގެ ދިގު ތާރީހުގައި މިއީ މިފަދަ ކަމެއްވީ ފުރަތަމަ ފަހަރު. ގިނަފަހަރަށް ރާއްޖޭގެ ވެރިކަން ކުރެއްވި ވެރިންނަށް ރާއްޖެ ނާދެވޭ ގޮތްވެފައިވަނީ. ނުވަތަ މަރާލެވިފައިވަނީ. ނުވަތަ ހައްޔަރުގައި ނިމި ގޮސްފައިވަނީ." ރައީސް ނަޝީދު ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ، ސުޕްރީމް ކޯޓުގައި ނިންމުނު ގަޒިއްޔާއިން ވެސް ޕްރޮސެކިއުޝަން އަދި ފުލުހުންގެ ތަހުގީގުގައި މައްސަލަތަކެއް ހުރިކަން އެނގިގެން ދިޔަ ކަމަށެވެ. އެއީވެސް އިސްލާހު ކުރަން ޖެހިފައި އޮތް ކަމެއް ކަމަށާއި، ހަމައެކަނި ޝަރުއީ ދާއިރާއަށް ގެންނަ ބަދަލަކުން އެކަނި މުޅި ނިޒާމު އިސްލާހު ވެގެން ނުދާނެކަމަށެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަނަށް ގެންނަ އިސްލާހާއި ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ، ޤާނޫނު އަސާސީއަށް އިސްލާހު ގެނެސް ޖުޑިޝަލް ސާވިސް ކޮމިޝަން ބަދަލު ކުރުމަކީ ސަރުކާރުގެ ވައުދެއްކަމަށެވެ. ނަމަވެސް ޤާނޫނު އަސާސީއަށް ބަދަލު ގެންނަނަމަ، އިރުއިރުކޮޅާ ބަދަލުތަކެއް ގެނައުމުގެ ބަދަލުގައި ގެންނަން ހުރި ހުރިހާ ބަދަލުތަކެއް އެއްކޮށް ގަނައުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.