ޚަބަރު

ރައީސް ޔާމީން ފުރުން މަނާކުރުމުގެ އަމުރެއް ނެރެފި


ކުރީގެ ރައީސް އަބްދުﷲ ޔާމީން ރާއްޖެއިން ބޭރަށް ފުރުން މަނާކޮށް ކްރިމިނަލް ކޯޓުން އަމުރެއް ނެރެފިއެވެ.

ރައީސް ޔާމީން ރާއްޖެއިން ބޭރަށް ފުރުން މަނާކޮށް އަމުރެއް ނެރެފައިވަނީ، މަނީލޯންޑްރިންގެ ދައުވާ ސާބިތު ނުވާކަމަށް ކަނޑައަޅައި, ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޚުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލުކޮށްފައި ވަނިކޮށެވެ.

ފުލުހުން ވިދާޅުވީ ޝަރީއަތުގައި ހުރި މައްސަލަތަކާއި ގުޅިގެން، ރައީސް ޔާމީން ފުރުން މަނާކުރުމުގެ އަމުރަކަށް ކުރިމިނަލް ކޯޓުގައި އެދުމުން 7 ދުވަހުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރެދީފައިވާކަމަށެވެ.

ރައީސް ޔާމީން ޖަލަށްލުމަށް ކުރި ޙުކުމް ސްޕްރީމް ކޯޓުން ބާތިލްކޮށްފައިވާއިރު ރ. ފުއްގިރި ވިއްކައިގެން ލިބުނު މިލިއަނަކަށްވުރެ ގިނަ ޑޮލަރު އަމިއްލަފުޅު އެކައުންޓަކަށް ޖަމާކުރި މައްސަލާގައިވެސް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައިދަނީ ޝަރީޢަތް ހިންގަމުންނެވެ. އަދި ވ. އަތޮޅު އާރަށް ވިއްކާލައިގެން ލިބުނު 1 މިލިއަން ޑޮލަރު، ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެފައިސާ ލޯންޑަރކުރެއްވިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އެމަނިކުފާނުގެ މައްޗަށް މަނީލޯންޑަރކުރުމާއި، ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާ އިއްޔެވަނީ ކްރިމިނަލް ކޯޓަށް ހުށައަޅާފައެވެ.