ކުޅިވަރު

ފީފާ ކްލަބް ވާރލްޑް ކަޕްގެ މެޗްތައް ޝެޑިއުލް ކޮށްފި


މިއަހަރުގެ ޑިސެމްބަރު މަހު ޖަޕާނުގައި ބޭއްވުމަށް ކުރިން ހަމަޖެހިފައިވި ފީފާ ކްލަބް ވާރލްޑް ކަޕް މިއަންނަ އަހަރުގެ ފެބްރުއަރީ މަހު ޔޫއޭއީގައި ބާއްވާގޮތަށް އަލުން ޝެޑިއުލް ކޮށްފިއެވެ.

މިފަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 3 އިން 12 އަށެވެ. މިފަހަރުގެ މުބާރާތުގައި އެހެން ފަހަރު ތަކެކޭ އެއް ގޮތަށް ހުރިހާ ބައްރެއްގެ ޗެމްޕިއަން ޓީމް ހިމެނިފައިވެއެވެ. މީގެއިތުރުން ހިމެނެނީ ޔޫއޭއީގެ ޗެމްޕިއަން ޓީމެވެ. މިހާރު ހަމަޖެހިފައިވާގޮތުން ފުރަތަމަ ބުރުގައި ޔުއޭއީގެ ޗެމްޕިއަން އަލް ޖަޒީރާ އާއި ބައްދަލުކުރާނީ އޯޝޭނިއާގެ ޗެމްޕިއަން އޯކްލަންޑާއެވެ. އަދި އެމެޗުން މޮޅުވާ ޓީމެއް ބައްދަލުކުރާނީ އޭޝިއާގެ ޗެމްޕިއަން އަލް ހިލާލް އާއެވެ. އަދި ޔޫރަޕްގެ ޗެމްޕިއަން ޗެލްސީ ބައްދަލުކުރާނީ އެމެޗުން މޮޅުވާ ޓީމަކާއެވެ. އަދި ދެކުނު އެމެރިކާގެ ޗެމްޕިއަން ޕަލްމެއިރާސް ބައްދަލުކުރާނީ އެފްރިކާގެ ޗެމްޕިއަން އަލް އަހްލީ އާއި އުތުރު އެމެރިކާ ސަރަހައްދުގެ ޗެމްޕިއަން މޮންޓްރޭ އާއި ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. އަދި ފައިނަލްގައި ބައްދަލުކުރާނީ މިދެންނެވި ދެމެޗުން މޮޅުވާ ދެޓީމެވެ.

މިފަހަރުގެ މުބާރާތް އެފްރިކާ ކަޕް އޮފް ނޭޝަންސް އާއި ފުށު އަރާތީ އެފްރިކާގެ ގިނަ ކުޅުންތެރިންތަކެއް ކްލަބް ވާރލްޑް ކަޕުން ފެނުން ވަރަށް ދުރެވެ. އަދި މިކަމާއި ގުޅިގެން ބައެއް ފަރާތްތަކުން އަންނަނީ ފީފާއަށް ފާޑުވެސް ކިޔަމުންނެވެ. މިގޮތުން ފީފާއިން އެފްރިކާގެ ފުޓްބޯޅައަށް އިހްތިރާމް ކުޑަކުރާކަމަށްވެސް ބައެއް ފަރާތްތަކުން ހާމަކުރެއެވެ. އަދި މިއީ ޔޫރޯ ނުވަތަ ކޮޕާ އެމެރިކާ ނަމަ ފީފާއިން އެގޮތަށް ކަން ކުރާނެތޯ އެފަރާތްތަކުން އަންނަނީ ސުވާލް އުފައްދަމުންނެވެ. އަދި އެފްރިކާއަށް ނިސްބަތްވާ އަލް އަހްލީގެ ގިނަ ކުޅުންތެރިންތަކަކަށް ކްލަބް ވާރލްޑް ކަޕްގައި ނުކުޅެވޭނެތީ އެކްލަބުން އަންނަނީ މިކަމަށް ހުރިހާ ފަރާތްތަކެއް ވާހަކ ދައްކައިގެން ހައްލެއް ހޯދުމަށް ގޮވާލާފައެވެ.