މަނީލޯންޑްރިންގެ ދައުވާ ސާބިތު ނުވާ ކަމަށް ކަނޑައަޅައި, ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޚުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފިއެވެ.
ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުންނާއި ހައިކޯޓުން ނިންމި ނިންމުން ބާތިލުކުރަންޖެހޭކަމަށް ފެންނަކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ 3 ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މި މައްސަލައިގައި ފަނޑިޔާރު މަހާޒްގެ ރަޢުޔަށް ދެން ތިއްބެވި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު އިބްރާހިމް މުހައްމަދުވަނީ ތާއީދުކުރައްވާފައެވެ.
ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށައެޅި މިމައްސަލާގައި ސުޕްރީމް ކޯޓުގައި ގިނަ އަޑުއެހުންތަކެއް ބާއްވާފައިވާއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކިބައިން ރައީސް ޔާމީން އެދިވަޑައިގަންނަވަމުން ގެންދެވީ އެމަނިކުފާނާމެދު ވަަރަށް ބޮޑަށް ބޭއިންސާފުން ޢަމަލުކޮށްފައިވާ ކަަމަށާއި އެކަންކަމަށް ރިއާޔަތްކޮށްދިނުމަށެވެ.
ސުޕްރީމް ކޯޓުގައި ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފީ ނުކުތާގެ ގޮތުގައި 22 ނުކުތާއެއް ފާހަގަކުރިނަމަވެސް އޭގެ ތެރެއިން ގިނަ ކަންކަން ހައިކޯޓުން ނިންމެވީ ޤާނޫނާއި ޚިލާފަށްކަމަށް ބެލެވެން ނެތްކަމަށް ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒްގެ ރައުޔުގައި ވިދާޅުވިއެވެ.
ޔާމީންގެ މައްޗަށް އިއްވާފައިވާ މަނީ ލޯންޑަރިންގެ ދަޢުވާއިން ސަލާމަތްވީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި ފައިސާ އަކީ ދަޢުލަތަށް ލިބެން ޖެހޭ ފައިސާ ކަމާ މެދު ސުވާލު އުފައްދައި ހުށަހެޅި ނުކުތާއާ ގުޅިގެން އެމަނިކުފާނާ އެއްކޮޅަށް ރައުޔު އިއްވުމުންނެވެ.
ސުޕްރީމް ކޯޓުންވަނީ މިމައްސަލައިގަ ހެކިބަސް ހޯދާފައިވާ އަދީބާއި ޒިޔަތުގެ ހެކިބަހާ ގުޅޭ އެހެން ހެކިތަކަކީ ކޮބައިކަމެއް ފާހަގަކޮށްފައި ނެތމުން އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިގެންފައިވަނީ ޤާނޫނީ އުސޫލުގެ ތެރެއިން ނޫންކަން ފާހަގަކޮށްފައެވެ. އަދި, އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިގަތުމަކީ ރައްކާތެރިކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ޙުކުމްގައިވެއެވެ.
އަދި, ދަށު ކޯޓުގައި އެސްއޯއެފްގެ އިސް ވެރިންގެ ހެކިބަސް ނުނަގަން ނިންމި ނިންމުން އެނޫން ގޮތަކަށް ބަދަލު ކުރުމަށް ދައުލަތުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމާއި މައްސަލަ އިސްތިއުނާފު ވެސް ކޮށްފައި ނެތުމަކީ އެކަމުގައި ދައުލަތުން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނެތްކަން އެނގޭ ކަމެއް ކަމަށްވެސް ފަނޑިޔާރު މަހާޒްގެ ރައުޔުގައި ފާހަގަކުރެއްވިއެވެ.
މި މައްސަލާގައި ހިމެނޭ އެއް މިލިއަން ޑޮލަރަކީ ގއ.ވޮޑުމުލާގެ ކުލި ކަމާމެދު ސުވާލު އުފެދިފައިވާއިރު, އެ ފައިސާގެ ހަޤީގަތް މިހާތަނަށް ހޯދިފައި ނެތް ކަމަށް ހުކުމްގައި ފާހަގަކުރިއެވެ. އެހެންކަމުން އޭގެ ހަޤީގަތް ހޯދުމަށް ދައުލަތަށް އަދިވެސް މަސައްކަތް ކުރެވޭނެ ކަމަށް ޙުކުމުގައިވަނީ ބަޔާންކޮށްފައެވެ.
އެސްއޯއެފްއަކީ ޔާމީން ނުދަންނަ ކުންފުންޏެއް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވީނަމަވެސް އެ ފައިސާއިން މަންފާ ހޯދާފައިވަނީ ރަނގަޅަށް ނޫންކަމަށާއި، ދަޢުލަތުގެ އެއްބައިވަންތަކަން ގެއްލޭ ގޮތަށް ގާނޫނީ ވެރިކަމާ ހިލާފަށް އަދި ރައިސުލްޖުމްހޫރިއްޔާގެ މަގާމުގެ ޒިންމާއާ ވެސް ހިލާފަށް އަމިއްލަ މަސްލަހަތު އިސްކޮށް ކޮށްފައިވާ ކަމެއް ކަމަށް ފަނޑިޔާރު މަހާޒު ފާހަގަ ކުރެއްވިއެވެ.
އެއް މިލިއަން ޑޮލަރުގެ ހަގީގަތް މިހާތަނަށް ހޯދިފައި ނެތުމުން އެކަން ތަހުގީގު ކުރުމުގެ ހައްގު އަދިވެސް ދައުލަތަށް އެބަ އޮތް ކަމަށާއި ނަމަވެސް, އެކަން ކުރުމުގައި ގާނޫނުއަސާސީގެ 60 ވަނަ މާއްދާއިން ޔާމީނަށް ލިބޭ ހައްގުތައް ގެއްލޭ ގޮތަށް އަމަލުކޮށްގެން ނުވާނެ ކަމަށް ހުކުމްގައިވެ އެވެ. އެ އެއް މިލިއަން ޑޮލަރު ހޯދުމަށް މަދަނީ މައްސަލައެއްގެ ގޮތުގައި ކޯޓުތަކަށް ހުށަހަޅައިގެން ކުރިއަށް ގެންދެވިދާނެކަން ފާހަގަ ކުރެއްވިއެވެ.
ޖަލު ޙުކުމް ބާތިލުކޮށް ސުޕްރީމް ކޯޓުން ރައީސް ޔާމީން މިނިވަން ކުރުމާއި ގުޅިގެން އެމަނިކުފާނަށް ތާޢީދުކުރާ ފަރާތްތަކުން ދަނީ އުފާފާޅުކުރަމުންނެވެ. އަދި މިއީ ހައްޤަށް ނަސްރު ލިބުން ކަމަށާއި، ސްޕްރީމް ކޯޓުން މިއަދު ރާއްޖޭގެ ޝަރުއީ ދާއިރާގައި ގެއްލެމުންދިޔަ އިތުބާރު ދަމަހައްޓާފައިވާކަމަށް އެފަރާތްތަކުން ދަނީ ބުނަމުންނެވެ.