ޚަބަރު

149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ އަލުން މުރާޖައާކުރުމަށް ޕީޖީގައި އެދިއްޖެ


ގދ.ފަޅުރަށެއްކަމަށްވާ ހުޅުވާރުލުގައި ވަޅުލާފައި ހުއްޓާ 2019 ވަނަ އަހަރު ފުލުހުން ހޯދި 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ އަލުން މުރާޖައާ ކުރުމަށް ރައްޔިތުންގެ މަޖިލީހުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި އެދިއްޖެއެވެ.

149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި 5 މީހަކު ހައްޔަރުކޮށް، އެމީހުންގެ މައްޗަށް ދައުވާކުރުމަށް ގައްދޫ ކޯޓަށް ހުށަހެޅީ 2019 އަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ. ނަމަވެސް އެމައްސަލަ ކޯޓުން ބޭރުކޮށްލީ ޢިޖުރާޢީ މައްސަލަތަކެއް ހުރެގެންކަމަށް ޕީޖީ އޮފީހުން ވިދާޅުވެފައިވެއެވެ. ކޯޓުން މައްސަލަ ބޭރުކޮށްލާފައިވާއިރު، އެމައްސަލަ އިސްތިއުނާފްކުރުމާމެދު ޕީޖީ އޮފީހުން ވަކި ގޮތެއް އަދި ނުނިންމަވައެވެ.

މިކަމާއި ގުޅިގެން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އަދި ޖުޑިޝަރީ ކޮމެޓީގެ މުގައްރިރު އިމްތިޔާޒް ފަހުމީ ވަނީ، މިއީ އިހުމާލުތަކުގެ މައްސަލައެއްކަމަށް ބަލައި، މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގެ މެންޑޭޓް ލިބިގެންވާ ފަރާތްތަކުގެ ތެރެއިން މި މައްސަލާގައި ޒިންމާވާ ފަރާތްތައް ޖަވާބުދާރީކުރުވުމަށްޓަކައި އެކޮމެޓީއަށް ހުށައަޅާ ދިރާސާކޮށްފައެވެ. ކޮމެޓީން ދިރާސާކޮށް އެކުލަވާލި ރިޕޯޓްގައި ވަނީ، އިބްތިދާއީ މަރުހަލާގެ ހިސާބުން ކޯޓުން ބޭރުކޮށްލާ މައްސަލަތަކުގެ ތެރެއިން އަލުން ދައުވާކުރެވެން ހުންނަ މައްސަލަތަކުގައި މައްސަލަ ބޭރުކޮށްލި ކޯޓެއްގައި ނުވަތަ އިޚްތިޞާސް ލިބިގެންވާ އެހެން ކޯޓެއްގައި އެ ދައުވާ ނުވަތަ ދައުވާއަށް ބަދަލު ގެނެސްގެން ދައުލަތުން ދައުވާކުރުމަކީ ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އަމަލުކުރާ އުސޫލެއްކަމަށް ބަޔާންކޮށްފައެވެ. އެގޮތުން ރާއްޖޭގައިވެސް އެ އިޚްތިޔާރު ދައުލަތަށް ލިބިގެންވާކަމަށް ޤަބޫލުކުރާކަން ފާހަގަކޮށް ރިޕޯޓްގައި ވަނީ އިބްތިދާއީ އަޑުއެހުމެއްގެ ތެރެއިން ދައުވާއެއް ބާތިލު ކަމަށް ކޯޓުން ކަނޑައެޅުމަކީ، އިތުރު ހެއްކާއެކު، ނުވަތަ ދައުވާގެ ލިޔުމަށް ބަދަލުގެނެސް، ހަމަ އެދައުވާ އަލުން އުފުލުމަށް ހުރަހަކަށްވާނޭ ކަމެއް ނޫންކަމަށް ބަޔާންކޮށްފައެވެ.

ކޮމެޓީން މިމައްސަލަ ދިރާސާކޮށް އެކުލަވާލި ރިޕޯޓްގައި ހުށައަޅާ ހުށައެޅުންތަކެއްގެ ގޮތުގައި ބުނެފައިވަނީ، 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ އަލުން ރިވިއުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލަށް އެންގެވުމަށެވެ. މީގެ އިތުރުން މި މައްސަލައިގައި ކްރައިމް ސީނަށް ދިޔަ ފުލުހުންނާއި، ތަޙްޤީޤު ހިންގި ފުލުހުން ޢަމަލުކުރި ގޮތްތަކުގެ މައްޗަށް މިނިވަންކޮށް އިންޓަރނަލް ބެލުންތަކެއް ދިވެހި ފުލުހުންގެ ޚިދުމަތުން ބެލުމަށް ފެންނަ ކަމަށާއި، ޖިނާއީ އިޖުރާއަތާއި، ފުލުހުންގެ ޕްރޮޓޮކޯލްތަކާއި ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރތަކާ އިހުމާލުން ނުވަތަ ފަރުވާކުޑަކަމުން ނުވަތަ ޤަސްދުގައި ޚިލާފުވެފައިވޭތޯ ދެނެގަނެ، އެފަދައިން ޚިލާފުވެފައިވާ ފަރާތަކާމެދު ފިޔަވަޅު އެޅުމަށް ފެންނަކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގައި ދެންނެވުމަށްވެސް ކޮމިޓީގެ ރިޕޯޓްގައިވެއެވެ.

އަދި މި މައްސަލައިގައި ޕްރޮސިކިއުޓަރުން ޢަމަލުކުރި ގޮތްތަކުގެ މައްޗަށް މިނިވަންކޮށް އިންޓަރނަލް ބެލުންތަކެއް ޕްރޮސިކިއުޓަރ ޖެނެރަލް ބެއްލެވުމަށް ފެންނަކަމަށާއި، ޖިނާއީ އިޖުރާއަތާއި، ޕްރޮޓޮކޯލްތަކާއި ޕްރޮސިކިއުޓޯރިއަލް ގައިޑްލައިންތަކާ ޕްރޮސިކިއުޓަރުންގެ އިހުމާލުން ނުވަތަ ފަރުވާކުޑަކަމުން ނުވަތަ ޤަސްދުގައި ޚިލާފުވެފައިވޭތޯ ދެނެގަތުމަށް ފެންނަކަމަށާއި، އެފަދައިން ޚިލާފުވެފައިވާނަމަ އެގޮތަށް ޚިލާފުވި ފަރާތަކާމެދު ފިޔަވަޅު އެޅުމަށް ފެންނަކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ދެންނެވުމަށްވެސް ރިޕޯޓްގައިވެއެވެ.

ޖިނާއީ ބޮޑެތި ކުށުގެ މައްސަލަތަކުގައި، އިޖުރާއީ ނުކުތާއަކާ ހުރެ އިބްތިދާއީ އަޑުއެހުމުގެ މަރުހަލާގެ ނިންމުންތަކުން ކޯޓުން ބޭރުކޮށްލާފައިވާ މިނޫން ވެސް މައްސަލަތަކުގެ ތެރެއިން އަލުން ކޯޓަކަށް ހުށަހެޅިފައިނުވާ މައްސަލަތައް، ޕްރޮސިކިއުޓަރ ޖެނެރަލް މުރާޖަޢާކުރެއްވުމަށް ފެންނަކަމަށާއި، އަލުން ދަޢުވާކުރެއްވުމާމެދު ގޮތް ނިންމެވުމަށް ފެންނަކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ދެންނެވުމަށްވެސް ކޮމިޓީގެ ރިޕޯޓްގައި ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން 149 ކިލޯގެ މައްސަލަ އަލުން މުރާޖައާކުރުމަށް ޕީޖީއަށް ދެންނެވުމަށް މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުންނެވެ.