ޚަބަރު

އެހެން ދީންތައް ފަތުރާ ސައިޓްތައް 72 ގަޑިއިރުތެރޭ ބްލޮކް ކުރަންޖެހޭ


އިސްލާމްދީން ފިޔަވައި އެހެން ދީންތައް ފެތުރުމަށް، ދިވެހިންނަށް އަމާޒުކޮށްގެން ހިންގާ ވެބްސައިޓްތަކާއި ސޯޝަލް މީޑިއާ ޕޭޖްތަކާއި ޔޫޓިއުބް ޗެނަލްތަކާއި އެޕްލިކޭޝަންތަކަށް އާއްމުންނަށް ނުވަދެވޭ ގޮތަށް ބްލޮކް ކުރުމަށް ކުރިމިނަލްކޯޓުން އަމުރެއް ނެރެފިއެވެ.

ކޯޓުން މި އަމުރުނެރަފައިވަނީ ދިވެި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަށްް ހިމާޔަތްކުރުމުގެ ޤާނޫނާއި ޚިލާފަށް އިންޓަރނެޓްގެ ޒަރިއްޔާއިން އިސްލާމް ދީން ފިޔަވާ އެހެން ދީންތަކުގެ މައުލޫމާތު ދިވެހި ބަހުން ތަރުޖަމާކޮށް ފަތުރަމުންދާ މައްސަލަ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކުރުމަށްފަހުކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލާގައި ކޯޓުން ނެރުނު އަމުރުގައި ވަނީ ދިވެހި ރާއްޖޭގެ އިންޓަރނެޓް ޚިދުމަތްދޭ ފަރާތްތަކުގެ އިހްތިސާސްއާއި ބާރު ހިންގާ ގޮތަށް މައުލޫމާތު ފަތުރަމުންދާ ވެބްސައިޓްތަކާއި ޕޭޖްތަކާއި އެޕްލިކޭޝަންތަކާއި ޔޫޓިއުބް ޗެނަލްތައް ހުއްޓުވާ ބޮލޮކްކުރުމަށް ރާއްޖޭގައި މި ޚިދުމަތް ދޭ އެންމެހާއި ފަރާތްތަކަށް އަންގާ އަމުރުކުރާކަމަށެވެ.

މިއަމުރު ތަންފީޒްކުރުމަށް ދިވެހިރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ އިންޓަނެޓް ސަރވިސް ޕްރޮވައިޑަރުންނަށް ސިޓީއަކުން މިހާރު ވާނީ އަންގާފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އަދި މި އަމުރު 72 ގަޑިއިރުގެ ތެރޭގައި ލިޔުމުން ދިވެހި ފުލުހުންނަށް އެންގުމަށާއި އަމުރާއި އެއްގޮތަށް އަމަލުނުކުރާ ފަރާތްތަކާއި މެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެކަމަށްވެސް ދިވެހިންގެ ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤަވައިދުގެ 7 ވަނަ މައްދާގައި ބުނެފައިވަނީ ރާއްޖޭގައި އިސްލާމް ދީން ފިޔަވައި އެހެން ދީންތަކުގެ ފޮތްތަކާއި، އެދީންތައް ފަތުރާ ކުރިއަރުވާ ފޮތްތަކާއި، ލިޔުންތައް ޢާންމުންގެ ތޭރޭގައްޔާއި ޢާއްމު ތަންތަނުގައި ގެންގުޅުމާއި، އެފަދަ ފޮތްތަކާއި ލިޔުންތައް ދިވެހި ބަހަށް ތަރުޖަމާކޮށްގެން ބެހުން ނުވަތަ ފެތުރުމަކީ މަނާކެމެކެވެ.

ރާއްޖޭގައި އިންޓަރނެޓްގެ ޚިދުމަތް ދެމުން އަންނަނީ ދިރާގައި އުރިދޫއާއި ފޯކަސް އިންފޯކޮމް ޕްރައިވެޓް ލިމިޓެޑުންނެވެ.