ޚަބަރު

ޤައުމުގެ މަޞްލަޙަތު ގެއްލޭފަދަ ކަމަކަށް ފުރުސަތު ދެވިގެން ނުވާނެ


ދިވެހީންގެ މެދުގައި އުފެދިފައިވާ އެއްބައިވަންތަކަމާއި އަޚްވަންތަކަމުގެ ގުޅުމަށް ބުރޫއަރާފަދަ ކަންތައްތަކާއި، ޤައުމުގެ މަޞްލަޙަތު ގެއްލޭފަދަ ޢަމަލުތައް ހިންގުމަށް، އެއްވެސް ފަރާތަކަށް ޖާގަ ނުދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނު ޢަބްދުލްގައްޔޫމު އިލްތިމާސް ކުރައްވައިފިއެވެ.   ދިވެހިރާއްޖޭގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚިޠާބުގައި، ސުނާމީ ކާރިސާގެ ހަނދާންތައް މިއަދު އާކުރަމުންދާއިރު، އެފަދަ ހިތްދަތި އަދި ޚުޠޫރަތްތެރި ދަނޑިވަޅުގައި ޤައުމާއި މުޖްތަމަޢުގެ ސަލާމަތްތެރިކަން އިސްކޮށް،  އެކަކު އަންކަކަށް އެހީތެރިވެދީ، ދިވެހި ރައްޔިތުން ދައްކައިދިން މިސާލަކީ  ސުނާމީ ކާރިސާއިން ދިވެހިން ދަސްކުރި އެންމެ މުހިންމު ފިލާވަޅުކަމަށްވިދާޅުވެފައިވެއެވެ."ސުނާމީ ކާރިސާގެ ހިތި ހަނދާންތައް މިއަދުވެސް ސިފަވެގެން މިދަނީ ހިތާމައިގެ އަސަރުގަދަ ޝުޢޫރުތަކާ އެކުގައެވެ. އެދުވަހު އަމިއްލަ ފުރާނައަށްވުރެ ބޮޑަށް އަޅުގަނޑުމެން އިސްކަންދިނީ އަނެކާގެ ފުރާނަ ސަލާމަތްކުރުމަށެވެ. އެފަދަ ހިތްދަތި އަދި ޚުޠޫރަތްތެރި ދަނޑިވަޅުގައިވެސް އަމިއްލަ ނަފްސުގެ މައްޗަށް ތިމާގެ ޤައުމާއި މުޖްތަމަޢުގެ ސަލާމަތްތެރިކަން އިސްކުރި ކުރުމަކީ، ސުނާމީ ކާރިސާއިން ދިވެހިން ދަސްކުރި އެންމެ މުހިންމު ފިލާވަޅެވެ. އަދި އެއީ ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ މުހިންމު ޝިޢާރެވެ." ރައީސްގެ ޚިތާބްގައި ވިދާޅުވެފައިވެއެވެ.ސުނާމީ ކާރިސާއިން ދިވެހިން ދަސްކުރި އެންމެ މުހިންމު ފިލާވަޅަކީ ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ މުހިންމު ޝިޢާރުކަން ބަޔާން ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެދުވަހު  ރައްޔިތުން އިސްކަންދިނީ  އަމިއްލަ ފުރާނައަށްވުރެ ބޮޑަށް އަނެކާގެ ފުރާނަ ސަލާމަތްކުރުމަށްކަމުގައެވެ.  އަދި ސުނާމީ ކާރިސާގެ ހިތި ހަނދާންތައް މިއަދުވެސް ސިފަވެގެން ދަނީ ހިތާމައިގެ އަސަރުގަދަ ޝުޢޫރުތަކާ އެކުގައި ކަމަށްވެސް މިޚިޠާބުގައި  ފާހަގަ ކުރައްވަފައިވެއެވެ."އެދުވަހު ދިވެހި ރައްޔިތުން ދައްކަވައިދެއްވި އެއްބައިވަންތަކަމުގެ ވަރުގަދަ ގުޅުން، އަޅުގަނޑުމެން އެންމެންގެ ހިތްމައްޗަށް ގެނެސް، އެ ހާދިސާއިން މިއަދުވެސް ޢިބްރަތް ހާސިލު ކުރެއްވުމަށް އަޅުގަނޑު ގޮވާލަމެވެ. އަދި އަޅުގަނޑުމެންގެ މެދުގައި އުފެދިފައިވާ އެއްބައިވަންތަކަމާއި އަޚްވަންތަކަމުގެ ގުޅުމަށް ބުރޫއަރާފަދަ އަދި ޤައުމުގެ މަޞްލަޙަތު ގެއްލޭފަދަ ޢަމަލުތައް ހިންގުމަށް، އެއްވެސް ފަރާތަކަށް ޖާގަ ނުދެއްވުމަށްވެސް އަޅުގަނޑު އިލްތިމާސް ކުރަމެވެ." ރައީސްގެ ޚިތާބްގައި ވިދާޅުވެފައިވެއެވެ. ރައީސުލްޖުމްހޫރިއްޔޭގެ ޚިޠާބު ނިންމާވާލައްވާފައިވަނީ ސުނާމީ ކަރިސާގެ ހިތާމަވެރި  ޝުޢޫރުތަކުގެ ހަނދާންތައް އާކުރެވެމުންދާ މިދަނޑިވަޅުގައި ސުނާމީ ކާރިސާގައި ދުނިޔެ ދޫކުރި އަޚުންނާއި،  އުޚްތުންގެ  ފުރާނައަށް، ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުން އެދިވަޑައިގަންނަވަމުންނެވެ.ރާއްޖޭގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަމުން މިދަނީ، މީގެ 11 އަހަރު ކުރިން 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީގެ ހިތާމަވެރި ކާރިސާއާ ގުޅިގެން ރާއްޖޭގެ ރައްޔިތުން ދައްކުވައިދިން އެކުވެރިކަމާއި އަޚްވަންތަކަމާއި، ޤައުމީ އެއްބައިވަންތަކަމުގެ މަތިވެރި ގުޅުމުގެ ހަނދާންތައް އާކުރުމުގެގޮތުންނެވެ.