ޚަބަރު

ހުރިހާ ފަރުދުންގެ ޙައްޤުތައް ބަލައިގަތުމަކީ ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބިންގާ: ޝާހިދު


ހުރިހާ ފަރުދުންގެ ޙައްޤުތައް ބަލައިގަތުމަކީ މިނިވަންކަމާއި، ޢަދުލު އިންޞާފާއި، ޞުލްޙަ މަސަލަސްކަން ޤާއިމުކުރުމުގެ ބިންގާކަމުގައި އދ.ގެ ޢާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އެލް.ޑީ.ސީ/ސިޑްސް ޓްރަސްޓް ފަންޑް ވަރކްޝޮޕް ފޮރ އޭޝިއާ ރީޖަންގައި، ދެއްކެވި ވާހަކަފުޅުގައެވެ.

އެލް.ޑީ.ސީ/ސިޑްސް ޓްރަސްޓް ފަންޑް ވަރކްޝޮޕް ފޮރ އޭޝިއާ ރީޖަންގައި އދ.ގެ ޢާއްމު މަޖިލީހުގެ ރައީސް އަދި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވާޗުއަލްކޮށް ބައިވެރިވެވަޑައިގަންނަވާފައެވެ. އެމަނިކުފާނު ވިދާޅުވީ އެންމެންގެ ޙައްޤުތަކަށް ޙުރްމަތްތެރިކޮށްހިތުމަކީ އދ.ގެ 76ވަނަ އާއްމު މަޖިލީހުގެ ދައުރުގައި އެންމެ އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށެވެ. އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ކުރިމަތީގައި ހުރިހާ އަޑުތަކެއް އިއްވައި، ހުރިހާ މެންބަރު ޤައުމުތަކަށް ތަމްސީލުކުރުމުގެ ހަމަހަމަ ފުރްޞަތު ތަކެއް ހޯދައިދިނުމަކީ ޒިންމާއެއްކަމުގައިކަން ޝާހިދު ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ 2012ވަނަ އަހަރު ޓްރަސްޓް ފަންޑް އުފެއްދުމުގައި، ހޯސްޓް ޤައުމެއްގެ ހައިސިއްޔަތުން ރާއްޖެއިން މުހިންމު ދައުރެއް އަދާކުރީތީ އެކަމާއި ފަޚުރުވެރިވެވަޑައިގަންނަވަކަމަށެވެ. އަދި މިފަންޑަކީ ތަމްރީނުކުރުމާއި، ފެލޯޝިޕް ޕްރޮގްރާމްތަކާއި ސަރަޙައްދީ ވަރކްޝޮޕްތަކާ ހަމައަށް، ހިއުމަން ރައިޓްސް ކައުންސިލާއި، އެ ކައުންސިލްގެ މެކޭނިޒަމްތަކުގައި އެލް.ޑީ.ސީ އަދި ސިޑްސްގެ ޤައުމުތަކުގެ ބައިވެރިވުން އަމަލީގޮތުން އޮތްކަން ސާބިތުކޮށްދީފައިވާ ފަންޑެއްކަމުގައިވެސް ޝާހިދު ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖެއިން އިސްނަގައިގެން އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްއާއި ގުޅިގެން 24-25 ނޮވެމްބަރުގައި ބޭއްވި މިވަރކްޝޮޕްގައި އދ.ގެ 76ވަނަ އާއްމު މަޖިލީހުގެ ރައިސް އަދި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝަހިދުގެ އިތުރުން ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަހުމަދު ޚަލީލު، ހިއުމަން ރައިޓްސް ކައުންސިލްގެ 15 ވަނަ ދައުރުގެ ރައީސް ފީޖީގެ ނަޒްހަތު ޝަމީމް ޚާން އަދި ހިއުމަން ރައިޓްސް ކައުންސިލް އެންޑް ޓްރީޓީ މެކެނިޒަމްސް ޑިވިޝަންގެ ޑިރެކްޓަރ މަހަމޭން ސީސޭ-ގުރޯ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.