ޚަބަރު

މަދަނީ އިޖްރާއަތުގެ ބިލު ފާސްކޮށްފި


މަދަނީ މައްސަލަތަކުގައި ޢަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކުރާ މަދަނީ އިޖްރައަތުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. 177 ޞަފްހާގެ 400 އަށްވުރެ ގިނަ މާއްދާ ހިމެނޭ މަދަނީ އިޖްރާއަތުގެ ބިލު މަޖިލީހުން ފާސްކުރީ 53 މެންބަރުންގެ ވޯޓުންނެވެ.

މި ބިލަކީ، މަދަނީ މައްސަލަތަކުގައި ޢަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކުރާ ޤާނޫނެއް ނެތުމުގެ ސަބަބުން، ދިވެހިރާއްޖޭގެ މަދަނީ ޢަދުލުގެ ނިޒާމުގައި އުފެދިފައި އޮތް ހުސްކަން ފޫބައްދައި، ދިވެހިރާއްޖޭގެ މަދަނީ ޢަދުލުގެ ނިޒާމުގައި ހިމެނޭ އެންމެހައި ކޯޓުތަކުން އެ ކޯޓުތަކަށް ހުށަހެޅޭ ދަޢުވާތައް ޢަދުލުވެރިކަމާއި ހާމަކަމާއެކު ބެލުމަށް މަގުފަހިކޮށްދީފައިވާ ބިލެކެވެ.

މި ބިލުގެ މަޤްޞަދުގެ ތެރޭގައި ޚަޞްމުންނާމެދު ހަމަހަމަ އުސޫލަކުން ޢަމަލުކުރެވޭނެ އިޖުރާއަތުތަކެއް ކަނޑައަޅައިދީ، ޚަޞްމުންގެ މާލީ ޙާލަތަށް ރިޢާޔަތްކޮށް، އެކަށީގެންވާ އަވަސް މިނެއްގައި މައްސަލަތައް ބެލި އެ މައްސަލަތަކާމެދު ގޮތެއް ނިންމޭނެ އުޞޫލުތަކެއް ކަނޑައަޅައިދިނުން ހިމެނެއެވެ.

މި ބިލުގައި ހިމެނޭ މުހިންމު އެއްކަމަކީ މަދަނީ މައްސަލަތަކުގައި ދައުވާ ކުރުމުގެ މުއްދަތުތަކެއް ކަނޑައެޅުމެވެ. އެގޮތުން މަދަނީ މައްސަލަތަކުގައި 6 އަހަރު ތެރޭގައި ދައުވާ ކުރަން ޖެހޭނެކަމަށް ބިލުގައި ބަޔާންކުރެއެވެ. މީގެ އިތުރުން ވަޒީފާގެ މައްސަލަތަކުގައި ވަޒީފާއިން ވަކިކުރި ތާރީޚެއް ނުވަތަ ވަޒީފާއާ ގުޅޭ މައްސަލައެއް އުފަންވި ތާރީޚުން ފެށިގެން 3 މަސްދުވަސް ނުވަނީސް ހުށަހަޅަން ޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މުދަލުގެ މިލްކުވެރިކަމާގުޅޭ މައްސަލަތަކުގައި މިލްކުވެރިކަން ފުރަތަމަ ބަދަލުކުރި ތާރީޚުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި މައްސަލާގައި ދައުވާކުރަން ޖެހޭނެކަމަށާ، އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމުގެ މައްސަލަތަކުގައި އެ ކަމެއް ހިނގި ތާރީޚުން ފެށިގެން އެއް އަހަރު ވުމުގެ ކުރިން ހުށަހަޅަން ޖެހޭނެކަމަށް މަޖިލީހުން ފާސްކުރި ބިލުގައިވެއެވެ.

އަދި އިހުމާލެއްގެ ސަބަބުން ހަށިގަނޑަށް އަނިޔާއެއް ލިބިގެން އޭގެ ބަދަލު ހޯދުމުގެ މައްސަލަތަކުގައި، އެ އަނިޔާއެއް ހަށިގަނޑަށް ލިބެން ފެށި ތާރީޚުން ފެށިގެން ތިން އަހަރު ދުވަސް ވުމުގެ ކުރިން މައްސަލަ ހުށައަޅަންޖެހޭނެކަމަށާއި، އެފަދަ ފަރާތެއް މަރުވެއްޖެނަަމަ، މަރުވި މީހާގެ ވާރިސުންގެ ފަރާތުން އެމީހަކު މަރުވި ތާރީޚުން ނުވަތަ މަރުވިކަން އާއިލާއަށް އެނގޭ ތާރީޚުން ފެށިގެން، 3 އަހަރު ވުމުގެ ކުރިން މައްސަލަ ހުށައަޅަންޖެހޭނެކަމަށްވެސް މަދަނީ އިޖްރާޢަތުގެ ބިލުގައި ބަޔާންކުރެއެވެ.

މީގެ އިތުރުން ސުލްހަވެރި ހައްލެއް ލިބޭތޯ ބަލަން މިހާރު ވެސް އޮންނަ ފަދަ ޑިސްޕިއުޓް ރިޒޮލިއުޝަން ފަދަ ނިޒާމެއްވެސް މި ބިލުގައި ބަޔާންކުރެއެވެ. ޝަރީއަތުގެ މަރުހަލާގައި ހިނގާ ޚަރަދުތަކަށް މައްސަލާގައި ހިމެނޭ ފަރާތްތައް ޒިންމާ ކުރުވުމަކީވެސް މި ބިލުން މަދަނީ އަދުލުގެ ނިޒާމަށް އަލަށް ތަޢާރަފްކުރާ ކަމެކެވެ.

މަޖިލީހުން ފާސްކުރި މަދަނީ އިޖްރާއަތުގެ ބިލުގައި ކޮޓުގައި ދައުވާކުރުމަށްފަހު، އެދައުވާއެއް އަނބުރާ ގެންދިއުމަށް ފަހު އަލުން އެ ފަރާތަކާ ދެކޮޅަށް އެ ދައުވާއެއް ކުރެވޭނީ ފުރަތަމަ އެ ދައުވާއެއް ކުރި ކޯޓަށް މައްސަލަ ހުށަހަޅައި، އަދި ކުރިން އެ މައްސަލަ ބެލި ފަނޑިޔާރުގެ ހުއްދައެއް ލިބިގެން ކަމަށްވެސް ބަޔާންކޮށްފައިވެއެވެ. މަދަނީ އިޖުރާއަތުގެ ބިލަކީ، ދިވެހިރާއްޖޭގެ މަދަނީ ޢަދުލުގެ ނިޒާމު ތަރުތީބުވެގެންދާނެ ގޮތް ކަނޑައަޅައިދޭ މައިގަނޑު ބިލު ކަމުގައިވާތީ އެއީ މިވަގުތު ރާއްޖެއަށް ވަރަސް މުހިންމު ޤާނޫނެއްކަމަށް ބަންޑާރަ ނާއިބު ވިދާޅުވެފައިވެއެވެ.

މަދަނީ އިޖުރާއަތުގެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 2019ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.