ޚަބަރު

ސިޓީ ކައުންސިލުގެ ޚަރަދުގައި މާލެތެރެ ބެލެހެއްޓުމަށް ފުލުހުން ނެރެނީ


މާލޭ ސިޓީ ކައުންސިލްގެ ޚަރަދުގައި މާލެތެރެ ޕެޓްރޯލްކޮށް ބެލެހެއްޓުމަށް ފުލުހުންގެ ސްޕެޝަލް ކޮންސްޓެބަލުން ނެރުމަށް ނިންމާފައިވާކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީގެ މަސައްކަތްތަކާގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސިޓީ ކައުންސިލްގެ ޚަރަދުގައި މާލެތެރެ ބެލެހެއްޓުމަށް ޚާއްސަ ކޮންސްޓެބަލުން ނެރުމަށްޓަކައި ފުލުހުންގެ މުއައްސަސާއާއެކު އަންނަ ހަފްތާގައި އެއްބަސްވުމެއް އެކުލަވާލާނެކަމަށެވެ. އަދި އަމާޒަކީ އަންނަ ޖެނުއަރީމަހުގެ ތެރޭގައި މިކަން ރަސްމީކޮށް ފެށުންކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން ކޮންސްޓެބަލުން ނެރުމަށް ހަމަޖެހިފައިވަނީ މާލޭގެ ހުރިހާ އަވަށެއް ހިމެނޭހެން 6 ޒޯނަކަށް ބަހާލައިގެންކަމަށް މޭޔަރ ވިދާޅުވިއެވެ. އަދި މި 6 ޒޯނުގައިވެސް ޕެޓްރޯލްކުރުމަށް 24 ގަޑިއިރު ކޮންސްޓެބަލުން ހަރަކާތްތެރިވާނެކަމަށް މޭޔަރ ވިދާޅުވިއެވެ.

ޑރ.މުޢިއްޒު ވިދާޅުވީ، މިއީ މާލޭ ސިޓީއަށް ދިމާވެފައިވާ އިޖްތިމާޢީ މައްސަލަތައް ޙައްލުކޮށް، މާލޭ ސިޓީއަކީ ކުށްމަދު ސިޓީއަކަށް ހެދުމަށް ކައުންސިލުންކުރާ ވަރަށް މުހިންމު މަސައްކަތެއްކަމަށެވެ.

"އެެމީހުންނަކީ އެބަޔަކު ބޭނުންވާގޮތަކަށް ކަންކަން ބަލަހައްޓައިދޭ ބައެއް. މިސާލަކަށް އަޅުގަނޑުމެން ބޭނުންވަނީ ޕާކުތައް ބަލަހައްޓައިދޭން، ނޫނިއްޔާ މަގުމަތީގެ ޓްރެފިކްގެ މައްސަލަތައް ނޫނީ ކުނި އަޅާފައި ހުންނަ މައްސަލަ ނޫނިއްޔާ އެހެންކަހަލަ އިޖްތިމާޢީ އާންމު އުނދަގޫތަކާގުޅޭ މައްސަލަތައް މިކަންކަން ޕޮލިހުގައި ހުންނަ އެންފޯސްމަންޓް ޕަވަރ ބޭނުންކޮށްގެން އެންފޯސްކޮށްދޭނެ ބައެއް. އެމީހުންނަށް މުސާރަ ދޭންޖެހޭނީ ސިޓީ ކައުންސިލުން" ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މާލޭ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، މާލޭ ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހައެއް އަމާން ރައްކާތެރި މާހައުލެއް ޤާއިމުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން މާލޭގެ އެކި ސަރަހައްދުތަކުގައި ތަރައްޤީކޮށްފައިވާ ޕާކުތަކާއި ފިނިމައިޒާންތައް މަރާމާތުކޮށް އާބަތުރަފިލުވުމުގެ މަސައްކަތްވެސް ސިޓީ ކައުންސިލުން ކުރަމުންދާކަމަށެވެ. އަދި އަމާޒަކީ ކައުންސިލުގެ މި ދައުރުގެ ފުރަތަމަ އަހަރުގެ ތެރޭގައި މިގޮތަށް ހުރި ހުރިހާ ޕާކުތަކަކާއި މައިޒާންތަކެއް މަރާމާތުކޮށް އަލުން އާއްމުންނަށް ހުޅުވާލުންކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.