ޚަބަރު

ޓެރަރިޒަމްގެ މައްސަލަތައް ތަހުގީގުކުރުމަށް ފުލުހުންނަށް 3 މަސްދުވަސް ލިބިދޭގޮތަށް ފާސްކޮށްފި


ޓެރަރިޒަމްގެ މައްސަލަތަައް ތަހުގީގްކުރުމަށް ގިނަވެގެން 3 މަސްދުވަސް ފުލުހުންނަށް ލިބިދޭގޮތަށް ޓެރަރިޒަމްގެ ޤާނޫނަށް އިޞްލާހު ގެނެސް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓިން ގެނައި އިޞްލާހުތަކާއެކު މަޖިލީހުގެ ތަޅުމުން މިބިލު ފާސްކުރީ 51 މެންބަރުންގެ ވޯޓުންނެވެ.

ޓެރަރިޒަމްގެ ކުށްތައް ތަޙްޤީޤުކުރުމުގައި ޤާނޫނު ތަންފީޛުކުރާ އިދާރާތަކަށް ކުރިމަތިވާ ބައެއް ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުމަށް ސަރުކާރުގެ ފަރާތުން ޓެރަރިޒަމް މަނަކުރުމުގެ ޤާނޫނަށް އިޞްލާހު ހުށައެޅުއްވި މެއި މަހުގެ 31ގައެވެ. ގާތްގަނޑަަކަށް 4 މަސްދުވަސް ވަންދެން ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާކުރުމަށްފަހު ވަނީ އައު އިޞްލާހުތަކެއްވެސް ހިމަނާފައެވެ. އެގޮތުން ކޮމިޓީން ގެނައި އެންމެ ބޮޑު އެއް ބަދަލަކީ ފުލުހުން ކުރިއަށްގެންދާ ތަހުގީގަށް މިހާރު ގާނޫނުގެ ދަށުން ގިނަވެގެން ލިބޭ 45 ދުވަހުގެ މުއްދަތު ތިން މަސްދުވަހަށް އިތުރު ކުރުމެވެ.

މީގެ އިތުރުން ކޮމިޓީން ގެނައި އިޞްލާހުތަކުގެ ތެރޭގައި ޓެރަރިޒަމްގެ ކުށުގެ ތުމަތު ކުރެވޭ މީހެއްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށާއި މައްސަލައިގެ ބާވަތުން، އެ މައްސަލައިގެ ތަޙްޤީޤު 45 ދުވަހުގެ ތެރޭގައި ފުރިހަމަކުރެވިދާނެ މައްސަލައެއް ކަމުގައިނުވާނަމަ، މުއްދަތު އިތުރުކުރުމަށް އެދި ސަބަބު ބަޔާންކޮށް ފުލުހުންނަށް ޕްރޮސެކިއުޓާ ޖެނެރަލަށް ހުށަހެޅިދާނެކަމަށެވެ. އެގޮތުން އިތުރުކޮށްދޭ މުއްދަތު ހަތްދިހަ ފަސް ދުވަހަށްވުރެ އިތުރުވެގެންނުވާނެކަމަށްވެސް އިޞްލާހުގައިވެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ތަޙްޤީޤު ފުރިހަމަވެފައި ނުވާނީ، ފުލުހުންގެ ބާރުނުފޯރުވޭ ކަމެއް މެދުވެރިވުމުގެ ސަބަބުން ކަމުގައިވާނަމަ، އިތުރު މުއްދަތެއްގެ ގޮތުން 15 ދުވަހަށް ވުރެ އިތުރު ނުވާނެ ގޮތަށް ތަހުގީގުކުރުމުގެ މުއްދަތު އިތުރުކޮށްދިނުމުގެ އިހްތިޔާރު ޕީޖީއަށް ދޭންވެސް އިޞްލާހުގައި ހިމަނާފައިވެއެވެ. އެހެންކަމުން ބައެއް މައްސަލަތަކުގެ ބާވަތާއި ހާލަތަށް ރިޔާއަތްކޮށް އެ މައްސަލައެއް ތަހުގީގްކުރުމަށް ފުލުހުންނަށް 9 މަސްދުވަސް ނުވަތަ ތިން މަސްދުވަހުގެ މުއްދަތެއް ލިބޭގޮތަށް ވަނީ އިޞްލާހު ގެނެސްފައެވެ.

ޓެރަރިޒަމްގެ ބޮޑެތި ކުށްތައް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ފަރާތްތައް 48 ގަޑިއިރަށް ބަންދުގައި ބެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބިދިނުމާއެކު، އެފަދަ ފަރާތްތައް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް، އެފަރާތްތަކުގެ ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް އިތުރަށް ސާފުކޮށްދިނުމާއި، ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބިދޭ ފަރާތެއް އަމިއްލަ ތަނެއްގައިވާ ޙާލަތުގައި އެތަނަކަށް ވަދެ، އެތަން ބަލައި ފާސްކުރުމުގެ ބާރާއި އެކަން ކުރުމުގައި ޢަމަލުކުރަންޖެހޭ އިޖުރާއަތުތައްވެސް މަޖިލިހުން ގެނައި އިޞްލާހުގައި ހިމަނާފައިވެއެވެ.

ހަނގުރާމައަށް ދިޔުމަށްފަހު ނުވަތަ ހަނގުރާމަވެރި ސަރަޙައްދުތަކަށް ދިޔުމަށްފަހު އަނބުރާ ދިވެހިރާއްޖެއަށް އަންނަ ފަރާތްތަކާމެދު ޢަމަލުކުރާ އިޖުރާއަތުތަކަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި ޓެރަރިޒަމްގެ ޢަމަލުތައް ކުރުމުގައި ބައިވެރިވެފައިވާ ކަމަށް ބެލެވޭ ކުށުގެ ތުހުމަތުގައިވާ ފަރާތްތަކުގެ ތަޙްޤީޤު ވަގުތުން ވަގުތަށްވެސް ކުރިއަށްގެންދެވޭނެ ގޮތް ހަމަޖެއްސުމާއި، އެނޫން ފަރާތްތަކަކީ އެފަދަ ޢަމަލުތަކުގައި ސީދާ ބައިވެރިވި ފަރާތްތަކެއް ކަމަށް ނުވިނަމަވެސް، އެއީ، ޓެރަރިޒަމްގެ ޢަމަލުތަކަށް ހުށަހެޅިފައިވާ ނުވަތަ ހުށަހެޅުމުގެ ފުރުޞަތު އޮތް ބައެއް ކަމުގައި ބަލައި، އެފަދަ ޢަމަލުތަކުން މުޖުތަމަޢު ރައްކާތެރިކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ހިމަނާފައިވެއެވެ. އަދި އެފަދަ ފިޔަވަޅުތައް އެޅުމާއެކުގައިވެސް އެފަދަ ފަރާތްތަކަށް ދޭންޖެހޭ ރީހެބިލިޓޭޝަންގެ ފަރުވާ ދިނުމަށް މަގުފަހިކުރެވޭނެ ގޮތަށް ވެސް ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު ވަނީ އިޞްލާހުކޮށްފައެވެ.

މީގެ އިތުރުން މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ ޢަމުރެއް ތަންފީޛުކުރަމުންދާ ފަރާތްތަކަށާއި ޓެރަރިޒަމްގެ ކުށުގެ ތުހުމަތުގައި ތަޙްޤީޤު މަރުޙަލާގައި ބަންދުގައިވާ ފަރާތްތަކަށާއި، ޓެރަރިޒަމްގެ ކުށް ސާބިތުވެ ޙުކުމް ތަންފީޛުކުރަމުންދާ ފަރާތްތަކަށާއި އަނބުރާ އަންނަ ހަނގުރާމަވެރިންނާއި އެފަރާތްތަކުގެ ޢާއިލާގެ މެންބަރުންނަށް ދެވޭ ރީހެބިލިޓޭޝަންގެ ފަރުވާއަކީ ޤާނޫނީ ނިޒާމުގެ ކުރިމައްޗަށް އެމީހުން ހުށަހެޅޭ ހިނދުން ފެށިގެން، މުޖުތަމަޢުއަށް އަނބުރާ ރުޖޫޢަވަންދެން މެދުކެނޑުމެއް ނެތި ދެވޭ ފަރުވާއެއް ކަމުގައިވެސް ވަނީ ހިމަނާފައެވެ.