ވިޔަފާރި

ސިސްޓަމް އަޕްގްރޭޑްކުރުމުގެ ތެރެއިން ޚިދުމަތް މެދުކެނޑޭނެ: ބީއެމްއެލް


ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާތީ ބެންކުގެ ޚިދުމަތްތައް މެދުކެނޑޭނެކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

ބީއެމްއެލްއިން ބުނީ ބޭންކުގެ އޮޕަރޭޝަން ރަނގަޅު ކުރުމަށާއި ސިސްޓަމް ތަކުގެ ސެކިއުރިޓީ އާއި ޓެކްނޮލޮޖީ ސްޓޭންޑަޑް ދެމެހެއްޓުމަށްޓަކައި، ބޭންކް އޮފް މޯލްޑިވްސްއިން ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ކުރެވެމުންދާކަމަށެވެ. އެގޮތުން، 21 ނޮވެމްބަރު 2021 ގައި ބޭންކުގެ ކޯ ބޭންކިންގ ސިސްޓަމްގެ އަޕްގްރޭޑްގެ ބޮޑު މަސައްކަތެއް ވަނީ ނިންމާލާފައިކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްއިން ބުނީ ކޯ ބޭންކިންގ ސިސްޓަމްގެ އަޕްގްރޭޑް މަސައްކަތަކީ އުނދަގޫ އަދި އެހާމެ ބޮޑު މަސައްކަތަކަށް ވުމާއެކު މިކަމުގެ ސަބަބުން ހިދުމަތްތައް މެދުކެނޑިގެން ދިޔުމަކީ ދުނިޔޭގެ ކޮންމެ ބޭންކަކަށްވެސް ކުރިމަތިވެދާނެކަމެއްކަމަށެވެ. އަދި ބޭންކަށް އަންދާސާ ކުރެވުނީ މި އަޕްގްރޭޑްގެ ސަބަބުން ސިސްޓަމްތައް މެދުކެނޑިގެންދާނީ ކުޑަ މިންވަރަކަށް ކަމުގައިވީނަމަވެސް ސިސްޓަމަށް ދިމާވެދާނެ ކަމަކަށް ތައްޔާރުވެ ބޭންކުން ވަނީ ކުރިޔާލާ ކަސްޓަމަރުންނަށް މިކަން އަންގާފައިކަމަށް ބޭންކުން ބުނެއެވެ. ނަމަވެސް އަޕްގްރޭޑްގެ މަސައްކަތަށްފަހު ދޭތެރެދޭތެރެއިން ސިސްޓަމްތައް މެދުކެނޑުމުގެ މައްސަލަ ދަނީ ދިމާވަމުންކަމަށާއި ބޭންކުން ދަނީ މި މައްސަލަ ހައްލުކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.