ޚަބަރު

ބިންތައް ކުއްޔަށް ދޫކުރެވޭނެ މުއްދަތާއި އަގު ކަނޑައެޅުމުގެ ބާރު ކައުންސިލްތަކަށް ދީފި


ކުއްޔަށް ދޫކުރާ ދައުލަތުގެ ބިންތަކުގެ އެގްރީމަންޓް އައު ކުރުމާއި، ބިންތަކުގެ މުއްދަތު އިތުރުކުރުމުގެ ބާރު ކައުންސިލްތަކަށް ސަރުކާރުން ދީފިއެވެ.

ދައުލަތުގެ ބިންތައް ކުއްޔަށް ދޫކޮށް، އެ ބިންތަކުގެ މުއްދަތު ކަނޑައެޅުމުގެ ބާރު މީގެ ކުރިން އޮންނަނީ ހައުސިންގ މިނިސްޓްރީއަށެވެ. ނަމަވެސް އެ ބާރުތައް ކައުންސިލްތަަކަށް ލިބިދޭގޮތަށް "ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު"އަށް ސަރުކާރުން ވަނީ 8 އިސްލާހެއް ގެނެސް ޢާންމުކޮށްފައެވެ.

މީގެ ތިން އަހަރުކުރިން އެކުލަވާލާފައިވާ އެ ޤަވާއިދަށް ސަރުކާރުން ގެނެސްފައިވާ މުހިންމު އިޞްލާހުތަކުގެ ތެރޭގައި ވަނީ ދިރިއުޅުމުގެ ބޭނުމަށް ނޫން ބޭނުންތަކަށް ނުވަތަ ދައުލަތުގެ ބިންތައް ކުއްޔަށް ދޫކުރާނީ، ރަށެއްގައިނަމަ، އެ ރަށެއްގެ ރަށު ކައުންސިލުގެ އިދާރާއިންކަމަށާއި، ސިޓީއެއްގައިނަމަ، ސިޓީ ކައުންސިލުގެ އިދާރާއިންކަމަށް ބުނެފައެވެ. އަދި ރަށަކުން ނުވަތަ ސިޓީއަކުން ބިންތައް ކަނޑައަޅާ، ބިން ކުއްޔަށް ދޫކުރާ މުއްދަތު ކަނޑައަޅަންވާނީ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެމަތީން ރަށެއްގައިނަމަ، އެ ރަށެއްގެ ރަށު ކައުންސިލުގެ އިދާރާއިންކަމަށާއި ސިޓީއެއްގައިނަމަ، ސިޓީ ކައުންސިލުގެ އިދާރާއިންކަމަށްވެސް އައު އިޞްލާހުގައިވެއެވެ.

މީގެ އިތުރުން ބިމެއްގެ މުއްދަތު އިތުރުކުރުމަށް އެދި ބިން ދޫކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން ބިން ދޫކުރެވިފައިވާ ފަރާތުން ހުށަހަޅައިފިނަމަ، އެ ފަރާތުން މުއްދަތު އިތުރުކުރުމަށް ހުށަހެޅި ސަބަބުތަކަށް ރިޢާޔަތްކޮށްގެން އެސެސްމަންޓެއް ހަދަންޖެނޭކަމަށްވެސް އިޞްލާހުގައިވެއެވެ. އަދި އެ އެސެސްމަންޓުގެ ނަތީޖާއަށް ބަލައިގެން، ބިން ދޫކޮށްފައިވާ މުއްދަތުގެ ފަންސާން އިންސައްތައަށް ވުރެ އިތުރު ނުވާނެ ގޮތެއްގެ މަތިން މުއްދަތު އިތުރުކޮށް ދިނުމުގެ އިޚްތިޔާރު ބިން ދޫކުރާ ފަރާތަށް ލިބިގެންވާކަމަށްވެސް އައު އިޞްލާހުގައިވެއެވެ. އަދި ބިމެއްގެ މުއްދަތު އިތުރުކުރާއިރު އެ އިރެއްގެ މާކެޓް ރޭޓަށް ރިޔާއަތްކުރުމަށްފަހު އަގަށް ބަދަލު ގެނައުމުގެ ބާރުވެސް ވަނީ ކައުންސިލްތަކަށް ދީފައެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ސަރުކާރުން ގެނައި އިޞްލާހުތަކާއެކު ލޯކަލް ކައުންސިލްތަކަށް ވަނީ ގިނަ ބާރުތަކެއް ސަރުކާރުން ދީފައެވެ. އެގޮތުން ރަށުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ވަސީލަތްތަކުން ލިބޭ އާމްދަނީގެ %40 ކައުންސިލްތަކަށް ލިބުމާއި، މުނިސިޕަލް ޚިދުމަތްތަކުން ލިބޭ ޢާމްދަނީ އެއްކޮށް ކައުންސިލްތަކަށް ދިނުން ހިމެނެއެވެ. އަދި "ބްލޮކް ގްރާންޓް" ނުވަތަ ހިލޭ އެހީގެ ގޮތުގައި ކައުންސިލްތަކަށް ޑޮމެސްޓިކް ރެވެނިއުގެ %5 ދައުލަތުގެ ބަޖެޓުން ދިނުން ހިމެނެއެވެ.

މީގެ އިތުރުން ރަށްރަށުގައި ހިންގާ 5 މިލިއަން ރުފިޔާއިން ދަށުގެ މަޝްރޫޢުތައް ހިންގުމުގެ ބާރު ކައުންސިލްތަކަށް ވަނީ ދީފައެވެ. އަދި އަމިއްލަ ނަމުގައި ވިޔަފާރިކުރުމާއި ރަށުގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއްކުރުމުގެ ބާރުވެސް ކައުންސިލްތަކަށް ވަނީ ދީފައެވެ.