ޚަބަރު

ފެމިލީ ކޯޓަށް އައްޔަންކުރެއްވި 2 ފަނޑިޔާރުން މަޤާމުގެ ހުވައި ކުރައްވައިފި


ފެމިލީ ކޯޓަށް ޢައްޔަންކުރެއްވި ދެ ފަނޑިޔާރުން، ފަނޑިޔާރުކަމުގެ ހުވައި ކުރައްވައިފިއެވެ.

ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)ގައި ބޭއްވި ރަސްމިއްޔާތެއްގައި ފެމިލީ ކޯޓުގެ ފަނޑިޔާރުކަމުގެ ހުވައި ކުރެއްވީ، އއ.ފެރިދޫ، ނަޝީދީހިޔާ، އަލްއުސްތާޛާ ޒަޢީމާ ނަޝީދު އަބޫބަކުރާއި، ކ.މާލެ މ.ވިލުފުށީގެ، އަލްއުސްތާޛާ މަޢީޝާ ޔޫސުފް ސަމީރެވެ.
ހުވާ ކުރެއްވި މިދެފަނޑިޔާރުންނަށް މަޤާމުގެ ފަތްކޮޅު ދެއްވީ ޖޭއެސްސީގެ ރައީސް ހިސާން ހުސައިންއެވެ.

އަލްއުސްތާޛާ ޒަޢީމާ ނަޝީދު ވަނީ ކުއްލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާއިން ޝަރީޢަތާއި ގާނޫނުން ބެޗްލަރސް ޑިގްރީ ޙާޞިލްކުރައްވައި، ވިލާ ކޮލެޖުން މާސްޓަރސް އޮފް ޝަރީޢާ ޙާޞިލްކުރައްވާފައެވެ. މީގެ އިތުރުން، ޒަޢީމާ ވަނީ ޖުވެނައިލް ކޯޓުގެ ރެޖިސްޓްރަރގެ މަޤާމުގައި 9 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ.

އަލްއުސްތާޛާ މަޢީޝާ ޔޫސުފް ސަމީރު ވަނީ ޔުނިވަރސިޓީ އޮފް ލަންޑަންއިން ބެޗެލާރސް އޮފް ލޯސް ޙާޞިލްކުރައްވާފައެވެ. މަޢީޝާ ވަނީ ޕްރޮސެކިއުޓާރ ޖެނެރަލް އޮފީހުގެ ޕްރޮސިކުޓަރެއްގެ މަޤާމުގައި 3 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމުގެ އިތުރުން އެޓޯލްސް ސެކްޝަންގެ ޔުނިޓް ހެޑް އަދި ފެމިލީ އެންޑް ޗައިލްޑްސް ޔުނިޓުގެ ޔުނިޓު ހެޑްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ.

ފެމިލީ ކޯޓަށް 02 ފަނޑިޔާރުން ހޯދުމަށް ޖޭއެސްސީން ކުރި އިޢުލާނާ ގުޅިގެން އެމަޤާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، ޒައީމާ އާއި މަޢީޝާއަކީ، އެ މަޤާމަށް އެންމެ ޤާބިލުކަމަށް ޖޭއެސްސީން ކަނޑައެޅި ދެ ބޭފުޅުންނެވެ.