ޚަބަރު

"ފަސެންޖަރުންގެ ނެގެޓިވް ޕީސީއާރް ޓެސްޓު ބަލައި ވެކްސިން ޖަހާފައިވާކަން ކަށަވަރުކުރާނެ"


ކޯވިޑްގެ އައު ވޭރިއަންޓް "އޮމިކްރޯން"އާ ގުޅިގެން އަޅާ ފިޔަވަޅެއްގެ ގޮތުގައި، ދަތުރުކުރާ ފަރާތްތަކުގެ ނެގެޓިވް ޕީސީއާރް ޓެސްޓު ބެލުމާއި ވެކްސިން ޖަހާފައިވާކަން ކަށަވަރުކުރުމަށް އެއާޕޯޓްތަކަށް އަންގަވާފައިވާނެކަމަށް އެޗްއީއޯސިން ވިދާޅުވެއްޖެއެވެ.

"އޮމިކްރޯން" އާ ގުޅޭ މަޢުލޫމާތު ދިނުމަށް ބޭއްވި ނޫށްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ ރާއްޖެއިން މިވަގުތު އަޅާފައިވާ ފިޔަވަޅަކީ ދުނިޔޭގެ އެހެންގަމުތަކުން އެޅި ފިޔަވަޅުތަކާއި ވޭރިއަންޓުގެ ނުރައްކަލާ މެދު ވިސްނުމަށްފަހު އަޅާފައިވާ ފިޔަވަލުތަކެއް ކަމަށެވެ. ދެކުނު އެފްރިކާ ހިމެނޭހެން އެ ސަރަހައްދުގެ 7 ޤައުމަކުން ރާއްޖެއަށް މީހުން އެތެރެވުން މަނާކޮށްފައިވާކަން ފާހަގަކުރައްވައި ޑރ.ނަޒްލާ ވިދާޅުވީ މިވަގުތައް ވަކި ޤައުމުތަކުން މީހުން އެތެރެވުން މަނާކުރިނަމަވެސް ވޭރިއަންޓް ރާއްޖެއަށް ނާންނާނެއެކޭ ނުބުނެވޭނެކަމަށެވެ.

މިއީ ވަގުތީ މަޑު ޖައްސާލުމެއްކަމަށާ، އައު ވޭރިއަންޓް ރާއްޖެ އައިނަމަވެސް ބަލި ކޮންޓްރޯލް ކުރުމަށް މިހާރުވެސް އަޅާފައިވާ ފިޔަވޅުތައް ކުރިއަށް ގެންދިއުމަށް ޑރ.ނަޒްލާ ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި މިއީ ބަލި ޖެހިފައިތިބި މީހުންނަށްވެސް އަލުން އެބަލި ޖެހުމުގެ ފުރުޞަތު ބޮޑު ވޭރިއެންޓްއެއްކަން ޑރ.ނަޒްލާ ފާހަގަކުރެއްވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ އޮމިކްރޯން ވޭރިއަންޓު މިހާތަނަށް ރާއްޖެއިން ފެނިފައި ނުވިނަމަވެސް ރާއްޖެއަށް ވޭރިއަންޓް އެތެރެވެފައިވޭތޯ ބެލުމަށް ސީކުއެންސް ޓެސްޓުތައް ހަދަމުންދާ ކަމަށެވެ. އަދި ޑރ.ނަޒްލާ ވިދާޅުވީ އޮމިކްރޯން ވޭރިއަންޓުން ބަލި ފެތުރޭ މިންވަރާއި އޭގެއިން ކުރާ އަސަރު ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އޭގެ އިތުރުން އެވޭރިއަންޓުން ދިފާއުވުމަށް ވެކްސިނުން ކުރާ އަސަރު ދެނެގަތުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާ ކަމަށެވެ.

އާ ވެރިއަންޓަށް ވެކްސިންގެ އަސަރުކުރާ މިންވަރު އަދި ދެނެގަނެވިފައި ނެތް ނަމަވެސް،އެކަން ދެނެގަތުމަށް ވެކްސިން އުފައްދާ ކުންފުނިތަކުން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި މިހާރުވެސް ކޯވިޑް ވެކްސިން ޖެހޭ މީހުން ވެކްސިން އަވަހަށް ފުރިހަމަކުރުމަށާއި ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހޭ މީހުން ބޫށްޓަރ ޑޯޒް ޖެހުމަށް ނަޒްލާ އިލްތިމާސްކުރެއްވިއެވެ.

އައު ވޭރިއެންޓެއް ފެތުރެމުން އަންނައިރު ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ ގައިގައި ހުރީ ކޮން ވޭރިއަންޓެއްތޯ ގަވައިދުން ބަލަމުން އަންނަކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ. އެގޮތުން މިހާރު 830 ސާމްޕަލް ސީކުއެންސިންނަށް ރާއްޖެއިން ބޭރަށް ވަނީ ފޮނުވާފައެވެ. އަދި މީގެ ތެރެއިން ބޭރަށް ފޮނުވި ގިނަ ސާމްޕަލްތައް ޑެލްޓާ ވޭރިއަންޓުގެ އެކި ވައްތަރުތަކަށް ވަނީ ޕޮޒިޓިވްވެފައެވެ.

ކޯވިޑްގެ އައު ވޭރިއަންޓުން ރައްކާތެރިވުމަށް އެޅި ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ރާއްޖެއަށް މީހުން އެތެރެވުން މަނާކޮށްފައިވަނީ ދެކުނު އެފްރިކާ، ނެމީބިއާ، މޮޒަންބީކް، ލެސޯތޯ، ބޮސްޓްވާނާ، ޒިންމްބާބްވޭ އަދި އެސްވަޓީނީންނެވެ. އެޗްޕީއޭއިން ކުރި އިއުލާނެއްގައި ވިދާޅުވީ ރާއްޖެ އައުމުގެ 14 ދުވަސްކުރިން މި ޤައުމުތަކަށް ދަތުރުކޮށްފައިވާ މީހުންނާއި އެއިން ޤައުމެއްގައި 12 ގަޑިއިރަށްވުރެ ގިނައިރު ޓްރާންސިޓްވެފައިވާ މީހުންނަށް މިވަގުތު ރާއްޖެއަށް އެތެރެނުވެވޭނެ ކަމަށެވެ.

ރާއްޖެއަށް މީހުން އެތެރެވުން މަނާކުރި ޤައުމުތަކުން ރާއްޖެ އަންނަ ދިވެހިންނާއި ވޯކް ޕާމިޓް އޮންނަ މީހުން ރާއްޖެއަށް އެތެރެވެ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރަންޖެހޭނެ ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި މި މީހުން ކަރަންޓީނު ދޫކޮށްލާނީ 14 ދުވަސް ފުރިހަމަކޮށް އަލުން ކޯވިޑަށް ޓެސްޓްކޮށް ނަތީޖާ ނެގެޓިވްވުމުންކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

ދެކުނު އެފްރިކާ، ނެމީބިއާ، މޮޒަންބީކް، ލެސޯތޯ، ބޮސްޓްވާނާ، ޒިންމްބާބްވޭ އަދި އެސްވަޓީނީ އިން ރާއްޖެ އަންނަން ދަތުރު ފަށާފައިވާ މީހުންނާއި މިދިޔަ 14 ދުވަހުގެ ތެރޭ މި 7 ޤައުމަށް ދަތުރުކޮށްފައިވާ މީހުން ވަގުތުން ޕީސީއާރް ޓެސްޓު ހަދަންވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ. މީގެއިތުރުން މިސަރަޙައްދުތަކުން ރާއްޖެއަށް ދަތުރުކޮށްފައިވާ މީހުން ރާއްޖޭގައި ތިބޭ މުއްދަތު 14 ދުވަހަށްވުރެ އިތުރުވާނަމަ އެމުއްދަތު ފުރިހަމަ ކުރުމަށްފަހު އިތުރު ޓެސްޓެއް ހަދަން އެޗްޕީއޭއިންވަނީ އަންގަވާފައެވެ. އަދި ރާއްޖޭގައި 14 ދުވަހަށްވުރެ ކުރު މުއްދަތެއް ހޭދަކުރާ ފަރާތްތަކުން ރާއްޖެއިން ފުރުމުގެ ކުރިން ޕީސީއާރް ޓެސްޓް ހަދަންވެސް ވަނީ އަންގާވާފައެވެ.

ސައުތް އެފްރިކާއާއި އެސަރަޙައްދުގެ ބައެއް ޤައުމުތަކުން ކޯވިޑްގެ އާ ވޭރިއެންޓް "އޮމިކްރޯން" ފެނުމާ ގުޅިގެން ގިނަ ޤައުމުތަކަކުން އަންނަނީ ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ. އެގޮތުން ޓެސްޓު ހެދުން އިތުރުކޮށްފައިވާއިރު މިވޭރިއެންޓް ފެނިފައިވާ ޤައުމުތަކުން ދަތުރުތައް ވަނީ ހުއްޓާލާފައެވެ.