ޚަބަރު

12 ސްކޫލަކަށް ބޭނުންވާ ޕްރިންސްޕަލުން ހޯދަނީ


ސަރުކާރުގެ ސްކޫލްތަކަށް ބޭނުންވާ ޕްރިންސްޕަލުން ހޯދުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ފަށައިފިއެވެ. މިގޮތުން ބައެއް ރަށްތަކުގެ ސްކޫލުތަކުގައި ޕްރިންސިޕަލުން ނެތި އެތައްމަހެއް ހޭދަވެ ޢާންމުންގެ ޝަކުވާ ބޮޑުވުމާއެކު އެމިނިސްޓްރީން މިހާތަނަށް ވަނީ 12 ސްކޫލްއަކަށް ބޭނުންވާ ޕްރިންސްޕަލުން ހޯދުމަށް އިޢުލާންކޮށްފައެވެ. މީގެ ތެރޭގައި ހއ.އިން ފެށިގެން ގއ.ގެ ބައެއް ރަށްތަކުގެ ސްކޫލްތައް ހިމެނެއެވެ.

ޕްރިންސިޕަލުން ހޯދަން އިޢުލާންކޮށްފައިވަނީ އެކި ރޭންކްތަކުން ކަމަށްވާތީ މަގާމުގެ އަސާސީ މުސާރަ އަދި ސަޕޯޓިން ކޯ އެލަވަންސް އެކި ރޭންކްތަކަށް ތަފާތެވެ. އިއުލާންކޮށްފައިވާ ޕްރިންސިޕަލުންގެ ރޭންކްތަކަށް ބަލާއިރު އެންމެދަށް ރޭންކްކަމަށްވާ އެމްއެސްޓޫ ރޭންކުގެ ޕްރިންސިޕަލަކަށް މަގާމުގެ އަސާސީ މުސާރައިގެ ގޮތުގައި ލިބެނީ މަހަކު 6،295 ރުފިޔާއެވެ. އެންމެ މަތީ ރޭންކް ކަމަށްވާ އީއެކްސް ހައެއް ރޭންކުގެ ޕްރިންސިޕަލަކަށް މަޤާމުގެ އަސާސީ މުސާރައިގެ ގޮތުގައި ލިބެނީ މަހަކު 15،560 ރުފިޔާއެވެ. ނަމަވެސް ސާވިސް އެލަވަންސްގެ ގޮތުގައި ހުރިހާ ރޭންކަކަށް ވެސް ދޭން ނިންމާފައިވަނީ މަހަކު 2،500 ރުފިޔާއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވީ ޕްރިންސިޕަލުންގެ މަގާމަށް އެންމެ ގާބިލް މީހުން ހޮވުމުގައި ތައުލީމާއި، ތަމްރީނަށާއި މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ގާބިލްކަން ކަށަވަރުކުރުމަށް ބާއްވާ އިންޓަވިއުގައި ހޯދާ މާކްސްއަށް ބަލާނެ ކަމަށެވެ.

ސްކޫލްތަކަށް ބޭނުންވާ ދިވެހި މުދައްރިސުންނާއި ޕްރިންސްޕަލުން ނުލިބުމުގެ މައްސަލައަކީ ބޮޑު މައްސަލައެއްކަން ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ. އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވެފައިވަނީ ސްކޫލްތައް ހިންގަން ރަނގަޅު ޤާބިލް ބޭފުޅުން މިދުވަސްވަރު ނުލިބޭ ކަމަށާއި، މިގޮތަށް ދިމާވަނީ ޕްރިންސިޕަލުންގެ މުސާރަ ކުޑަވުމުގެ ސަބަބުން ކަމަށެވެ. މިކަމަށް ހައްލެއް ހޯދާދިނުމުގެ ގޮތުން އަމިއްލަ ރަށުން ބޭރު އެހެން ރަށަކަށް ވަޑައިގަންނަވާނަމަ ޕްރިންސިޕަލުންނަށް އިތުރު އެލަވަންސެންދިނުމަށް މިދިޔައަހަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ނިންމަވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިހާރު ހަމަޖައްސަވާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގެ އެދިވަޑައިގަތުމަށް އެހެން ރަށަކަށް ބޭފުޅަކު ވަޑައިގަންނަވާނަމަ އިތުރަށް 3000 ރުފިޔާގެ އެލަވަންސެން ދިނުމަށެވެ.