ވިޔަފާރި

ޖަރުމަނާއި އޮސްޓްރިއާއިންގެ ފަތުރުވެރިން އިތުރުކުރުމަށް ކެމްޕެއިނެއް


ޖަރުމަނު ވިލާތާއި އޮސްޓްރިއާގެ މަތީ ފަންތީގެ ފަތުރުވެރިންނަށް އަމާޒުކޮށް އެމެރިކަން އެކްސްޕްރެސް އާއެކު އެމްއެމްޕީއާރުސީން ކެމްޕެއިނެއް ފަށައިފިއެވެ.

މޯލްޑިވްސް މަރކެޓިންގ އެންޑު ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، (އެމްއެމްޕީއާރުސީ)އިން ވިދާޅުވީ، މި ކެމްޕެއިންގެ ދަށުން، އެމެރިކަން އެކްސްޕްރެސްގެ މަތީ ފަންތީގެ ކާޑް ހޯލްޑަރުންނާ ހަމައަށް ރާއްްޖޭގެ މަޢުލޫމާތު ހިމެނޭ ބްރޮޝާއެއް ދައުރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޓްރެވަލް އިމްޕްރެންސްއަކީ އެމެރިކަން އެކްސްޕްރެސްގެ ވެކޭޝަން ކަލެކްޝަން ބްރޭންޑެވެ. ޓްރެވަލް އިންޕްރެޝަންސްއިން އެމެރިކަން އެކްސްޕްރެސްގެ ޕްރިމިއަމް ކާޑު މެންބަރުންނަށް ދުނިޔޭގެ އެކި މަތީ ފަންތީގެ މަންޒިލްތަކާއި، ލިބެން ހުންނަ ހިދުމަތްތައް އިސްތިހާރުކުރެއެވެ.

ޓްރެވަލް އިންޕްރެޝަންސްގައި ހިމެނޭ މަންޒިލްތަކާއި، މަތީ ފަންތީގެ ތަޖުރިބާތައް އަދި ޚިދުމަތްތައް އެމެރިކަން އެކްސްޕްރެސްގެ ވެބްސައިޓް އަދި ސްމާޓް ފޯން އެޕްތަކުގައި އަޕްޑޭޓްކުރެއެވެ.
މި ކެމްޕެއިންގެ ޒަރިއްޔާއިން އެމެރިކަން އެކްސްޕްރެސްގެ އެންމެ މަތީ ފަންތީގައި ހިމެނޭ ސެންޗޫރިއަން ކާޑް ހޯލްޑަރުންގެ ތެރެއިން ޖަރުމަނާއި އޮސްޓްރިއާގެ 4500 ފަރާތަކަށް މެއިލްގެ ޒަރިއްޔާއިން ރާއްޖޭގެ މަތީ ފަންތީގެ ފަތުުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނާއި، ލިބޭ ތަޖުރިބާތަކުގެ މައުލޫމާތު ހިމެނޭ ބްރޮޝާއެއް މެދުވެރިކޮށް ހިއްސާކުރެވޭނެއެވެ.

ސެންޗޫރިއަން ކާޑު ހޯލްޑަރުންނަކީ އެމެރިކަން އެކްސްޕްރެސްގެ އެންމެ މުއްސަނދި ކަސްޓަމަރުން ގެންގުޅޭ ކާޑެވެ. ރާއްޖެއަކީ ސެންޗޫރިއަން ކާޑް ހޯލްޑަރުންގެ މެދުގައި އެންމެ މަޤްބޫލް އެއް މަންޒިލް ކަމަށް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ.

މި ކެމްޕެއިންގެ ސަބަބުން ޖަރުމަނު ބަހުން ވާހަކަދައްކާ ގިނައިން ފައިސާ ހޭދަކުރުމުގެ ގާބިލްކަން ލިބިފައިވާ ޓާގެޓް ގުރޫޕަށް އަމާޒުކޮށް ރާއްޖެ އިސްތިހާރު ކުރާނެކަމަށް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ.

މިއީ މި މާކެޓްތަކުގައި ރާއްޖެ އިސްތިހާރުކުރުމަށް ވިޒިޓް މޯލްޑިވްސްއިން ގެންގުޅޭ ސްޓްރެޓަޖީގެ ދަށުން ހިންގާ ކެމްޕެއިނެކެވެ. މި ކެމްޕެއިންގެ މަޤްސަދަކީ މި މާކެޓުގެ މަތީ ފަންތީގެ ފަތުރުވެރިކަމަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން ދެމެހެއްޓުންކަމަށް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ.