މާލެ ސިޓީ ތަރައްޤީކުރުމަށް ސިޓީ ކައުންސިލުން ކުރައްވަން ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތަފްސީލާއެކު މާލެ ސިޓީ ކައުންސިލްގެ ސްޓެޓެޖިކް އެކްޝަން ޕްލޭން އިފްތިތާޙްކޮށްފިއެވެ.
ކައުންސިލްގެ ސްޓެޓެޖިކް އެކްޝަން ޕްލޭން އިފްތިތާޙްކުރީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރަށް 6 މަސްފުރުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައެވެ. މިރަސްމިއްޔާތުގައި ވަނީ ސިޓީ ކައުންސިލް ރީބްރޭންޑްވެސްކޮށްފައެވެ.
މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރަށް 6 މަސްފުރުން ފާހަގަކުރުމަށް ސިޓީ ކައުންސިލުން ވަނީ ޚާއްސަ ޙަފްލާއެއް ބާއްވާފައެވެ. މިޙަފްލާގައި ސިޓީ ކައުންސިލުން ކުރިއަށް އޮތްތަނުގައި މަސައްކަތްކުރަން ރާވާފައިވާ ގޮތުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އިފްތިތާޙްކޮށްދެއްވީ ދައުލަތަށް އެކި ގޮތްގޮތުން ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކޮށްދެއްވި ބޭފުޅެއްކަމަށްވާ މުޙައްމަދު ޒާހިދެވެ.
މިރަސްމިއްޔާތުގައި ވަނީ މާލެ ސިޓީ ކައުންސިލް ރީބްރޭންޑްވެސް ކޮށްފައެވެ. އެގޮތުން މާލެ ސިޓީ ކައުންސިލްގެ އާ ލޯގޯއާއި، ދިދައާއި، ލަވައާއި މުވައްޒަފުންގެ ޔުނިފޯމް ވަނީ އިފްތިތާޙްކޮށްފައެވެ. މީގެއިތުރުން ޢާއްމުންގެ މަޝްވަރާއާއެކު އެކުލަވާލި މާލޭގެ ލޭންޑް ޔޫސް ޕްލޭން ދައްކާލާފައިވާއިރު ކުރިއަށް އޮތް 7 ދުވަހުގެ ތެރޭގައި މިޕްލޭނަށް ޝަކުވާ ހުށައެޅުމަށްވަނީ ހުޅުވާލާފައެވެ. މިޕްލޭންގެ ދަށުން ރިހިޖެހިކޮށްޓާއި އާޓިފިޝަލް ބީޗު އިތުރަށް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ސިނަމާލެ 1 އަދި 2 ގެ ފްލެޓުތައް އަލުން ތަރައްޤީކުރުމަށާއި ސްޓޭޑިއަމް ސަރަޙައްދު ކައިރީ ބިމެއް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅެން ހައުސިންގ ޢިމާރާތްކުރުމަށް ދޫކުރުމަށްވެސް ވަނީ ނިންމާފައެވެ. އަދި އުސްފަސްގަނޑު ސަރަޙައްދު ކަސްރަތު ކުރާ މީހުންނަށް ފަހި މާޙައުލަކަށް ހެދުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލެ ސިޓީ ކައުންސިލްގެ މޭޔަރ ވިދަޅުވީ މާލެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަކަމަށާއި އެމައްސަލަ ޙައްލުކުރުމަށް ސަރުކާރުން ކުރާ ހުރިހާ މަސައްކަތަކަށް ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށެވެ.
މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރަށް 6 މަސްފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ މާލޭގެ ތަރައްޤީއާއި ގުޅުންހުރި ގިނަ ކަންތައްތަކެއް ހާމަކުރައްވާފައެވެ. އަދި މާލެއަކީ ޑިޖިޓަލް ސިޓީއަކަށް ހެދުމަށް ސިޓީ ކައުންސިލްގެ މަސައްކަތްތައް ޑިޖިޓަލައިޒްކޮށްފައިވާއިރު، އަމާޒަކީ މުޅި މާލެ ވައިފައިއިން ގުޅާލުންކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
މިރަސްމިއްޔާތުގައިވަނީ ސިޓީ ކައުންސިލްގެ މީޑިއާވެސް ރަސްމީކޮށް ލޯންޗުކޮށްފައެވެ. އަތަމަނަގެ ނަމުގައި ލޯންޗުކުރި ސިޓީ ކައުންސިލްގެ މީޑިއާގައި ކައުންސިލުން ކުރަމުންދާ މަސައްކަތްތައް ރައްޔިތުންނަށް ފެންނަން ހުންނާނެގޮތަށް ސޯޝަލް މީޑިއާގެ ހުރިހާ ވަޞީލަތެއް މެދުވެރިކޮށް ގެނެސްދިނުމަށް ހަމަޖެހިފައިވާކަމަށް އެކައުންސިލުން ވިދާޅުވެއެވެ. ހަމައެއާއެކު މާލެ ސިޓީގެ ތަރައްޤީއަށް މަސައްކަތްކުރެއްވި ބޭފުޅުންނަށާއި ގިނަ ދުވަސްތަކެއްވަންދެން ސިޓީ ކައުންސިލަށް ޚިދުމަތްކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގުވަޒަންކޮށް ވަނީ ހަނދާނީ ފިލާއަރުވާފައެވެ.