ވިޔަފާރި

މިއަހަރުގެ މިހާތަނަށް 1.1 މިލިއަން ފަތުރުވެރިން!


މިއަހަރު މިހާތަނަށް 1.1 މިލިއަން ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ނިޔަލަށް 1،126،539 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އަދި ހަމައެކަނި މިމަހު މިހާތަނަށްވެސް 113،611 ފަތުރުވެރިން ރާއްޖެ ވަނީ އައިސްފައެވެ. މިއީ 2019 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ މިމުއްދަތާ އަޅާބަލާއިރު ތިން ހާހެއްހައި ފަތުރުވެރިންގެ އިތުރުވުމެކެވެ.

ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު ދުވަހުން ދުވަހަށް އިތުރުވަމުން އަންނައިރު ޖުލައި މަހުން ފެށިގެން މިހާތަނަށް އެއްލައްކައަށްވުރެ ގިނަ ފަތުރުވެރިން ކޮންމެ މަހަކު އައިސްފައިވެއެވެ. އެންމެ ގިނަ ފަތުރުވެރިން މިއަހަރު މިހާތަނަށް އައިސްފައިވަނީ އޯގަސްޓު މަހުއެވެ. އެއީ 143،599 ފަތުރުވެރިންނެވެ.

މިއަހަރު އެންމެ ގިނަ ފަތުރުވެރިން އަންނަމުން ދަނީ ރަޝިއާ އަދި އިންޑީއާ މާކެޓުންނެވެ. އެގޮތުން މިދިޔަ ހަފްތާގެ ބުދަ ދުވަހާއި ހަމައަށް 252،551 ފަތުރުވެރިއަކު އިންޑިއާއިން ރާއްޖެ އައިސްފައިވެއެވެ. މިއީ މާކެޓުގެ 22.4 އިންސައްތަ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެއެވެ. ދެން އެންމެ ގިނަ ފަތުރުވެރިން އައި ރަޝިއާ މާކެޓުން އައިސްފައިވަނީ 202،277 ފަތުރުވެރިންނެވެ. މިއީ ޖުމްލަ މާކެޓުގެ 18 އިންސައްތައެވެ.

ޓުއަރިޒަމް މިނިސްޓްރީން ލަފާ ކުރާ ގޮތުގައި މިއަހަރު މިއަހަރު ނިމެންވާއިރަށް ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާނެ ކަމަށެވެ.