ޔުއޭފާ ޔޫރޮޕާ ކޮންފަރެންސް ލީގުގައި އެންއެސް މޫރާ އާއި ޓޮޓްނަމް ހޮޓްސްޕަރ ބައްދަލުކުރިމެޗް މޫރާ ކާމިޔާބުކޮށްފިއެވެ. މޫރާގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކަމިޔާބުކުރީ 2 ލަނޑު އެއްލަނޑުންނެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޓޮޓްނަމުންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 11 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ މޫރާއިންނެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ޓޮމީ ހޮވަޓެވެ. މިމެޗްގައި ޓޮޓްނަމަށް އިތުރަށް މައްސަލަ ދިމާވީ މެޗްގެ 31 ވަނަ މިނެޓްގައި އެތީމްގެ ރަޔަން ސޭސެގްނޮންއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތްކާޑު ދެއްކުމުންނެވެ. ނަމަވެސް ޓޮޓްނަމުން ހިތްވަރު އެލުވާނުލާ ކުޅެ މެޗްގެ 72 ވަނަ މިނެޓްގައި ހެރީ ކޭން ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަ ކުރި މިލަނޑާއެކު މިމެޗް އެއްވަރު ވެގެން ނިމިދާނެކަމަށް ގިނަ ބަޔަކަށް ގަބޫލް ކުރެވުނު ނަމަވެސް މެޗްގެ އިތުރު ވަގުތުގައި މޫރާގެ އަމަޑޭޖް މަރޯސާ ޖަހައި ދިން ލަނޑުން އެޓީމް މެޗު ކާމިޔާބުކުރިއެވެ.
މިކާމިޔާބީ ވެފައިވަނީ މިފަހަރުގެ މުބާރާތުގައި މޫރާ މޮޅުވި ފުރަތަމަ މެޗަށެވެ. އެހެން ކަމުން އެޓީމް އަދިވެސް އޮތީ ގްރޫޕް ޖީ ގެ އެންމެ ފުލުގައެވެ. އަދި ޓޮޓްނަމް އުޅެނީ ފަސް މެޗުން ލިބިފައިވާ 7 ޕޮއިންޓާއެކު ގްރޫޕްގެ ދެވަނައިގައެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ސްޕަރސްގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ބުނީ މިމެޗްގައި އޭނާގެ ޓީމުގެ ފަރާތުން ފެނުނު ކުޅުމާއި މެޗު ހިތްހަމަ ނުޖެހޭ ކަމަށާއި ނަމަވެސް ތެދަށް ބުނާނަމަ މިހާރު އޮތް ޓޮޓްނަމް ޓީމް ހަމައަކަށް އެޅުވުމަށްޓަކައި ވަރަށް ބުރަ މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ޓީމާއި ހަވާލުވެގެން މިވީ ތިން ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ޓީމް މިހާރު ކުޑަކޮށް އެނގެން ފަށައިފި ކަމަށާއި މިޓީމު ހަމައަކަށް އަޅުވަން ވަގުތު ބޭނުންވާނެ ކަމަށެވެ. ކޮންޓޭ ބުނީ ގިނަ ބަޔަކަށް ހީވެފަ އޮންނަނީ އޭނާ ކުރިން ގިނަ ކާމިޔާބީ ތަކެއް ހޯދާފައިވާތީ މިޓީމަށް އައުމާއެކު ޓޮޓްނަމް ވެސް ވަގުތުން މޮޅުވާން ފަށާނެކަމަށާއި އޭނާއަކީ ޖާދޫ ގަރެއް ކަމަށެވެ. ނަމަވެސް އޭނާއަށް އެނގޭ ހަމައެކަނި ޖާދޫއަކީ މަސައްކަތް ކުރުން ކަމަށް ކޮންޓޭ ބުންޏެވެ. އެހެންކަމުން ޓީމް އިތުރު ހަރިފަތަކަށް ގެންދަން މަސައްކަތް ކުރާނެކަމަށާއި އޭނާގެ ވިސްނުން ޓީމުގެ ކުޅުންތެރިންގެ ކިބައިގައި އަށަގަނުވާނެ ކަމަށާއި މިކަންތައްތަކަކީ ވަގުތު ބޭނުން ވާނެކަންތައްތައް ކަން އެންމެންވެސް ގަބޫލް ކުރަންޖެހޭ ކަމަށް ކޮންޓޭ ބުންޏެވެ.