ޚަބަރު

މަޤާމާ ޙަވާލުވެވަޑައިގަތް ފުރަތަމަ ދުވަހު ސުވިޑަންގެ ބޮޑުވަޒީރު އިސްތިޢުފާދެއްވައިފި


މަޤާމާ ޙަވާލުވެވަޑައިގަތް ފުރަތަމަ ދުވަހު ސުވިޑަންގެ ފުރަތަމަ އަންހެން ބޮޑުވަޒީރު މަގުދަލިޔަނާ އަންދަސޮން އިސްތިޢުފާދެއްވައިފިއެވެ.

މަޤާމާ ޙަވާލުވެވަޑައިގަތްތާ 12 ގަޑިއިރު ފަހުން މަގުދަލިޔަނާ އިސްތިޢުފާދެއްވީ ވެރިކަންކުރާ އިއްތިޙާދުގައި ހިމެނޭ ގުރީން ޕާޓީ އިއްތިޙާދުން ވަކިވުމުންނެވެ. ސުވިޑަންގެ ސަރުކާރުން ގުރީން ޕާޓީ ވަކިވެފައިވަނީ އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުން ވެރިކަންކުރާ އިއްތިޙާދުން ހުށަހެޅިގޮތަށް ބަޖެޓު ބިލް ފާސްނުކުރުމުންނެވެ.

އިސްތިޢުފާދެއްވުމަށްފަހު ޢުމުރުފުޅުން 54 އަހަރުގެ މަގުދަލިޔަނާ ވިދާޅުވީ ވެރިކަންކުރާ އިއްތިޙާދު ރޫޅުނު ނަމަވެސް އޭނާގެ ޕާޓީގެ ތާޢީދާއެކު ބޮޑުވަޒީރުގެ މަޤާމަށް އަލުން ވަޑައިގެންނެވުމަށް އުއްމީދުކުރައްވާކަމަށެވެ. ސުވިޑަންގެ އެހެން ސިޔާސީ ޕާޓީތަކުން މަގުދަލިޔަނާއަށް ތާޢީދުކުރާނެތީ ބޮޑުވަޒީރުގެ މަޤާމު އޭނާއަށް އަލުން ލިބުމުގެ ފުރުޞަތު ވަރަށް ބޮޑެވެ.

ބޮޑުވަޒީރުގެ މަޤާމަށް ވަޑައިގެންނެވުމުގެ ކުރިން މަގުދަލިޔަނާ ހުންނެވީ ސުވިޑަންގެ މާލީ ވަޒީރުގެ މަޤާމުގައެވެ.