ކުޅިވަރު

މިލާނުން ލީގުގެ ދެވަނަ ބުރަށް ދިއުމުގެ އުންމީދު އާކޮށްފި


ޔުއޭފާ ޗެމްޕިއަންސް ލީގު ގްރޫޕް ބީގައި އޭސީ މިލާނާއި އެޓްލެޓިކޯ މެޑްރިޑް ބައްދަލުކުރިމެޗް މިލާނުން ކާމިޔާބުކޮށް މިމުބާރާތުގެ ދެވަނަ ބުރަށް ދިއުމަށް ކުރަމުންދާ އުންމީދު އާކޮށްފިއެވެ. އެޓްލެޓިކޯގެ ދަނޑުގައި ކުޅުނު މިމެޗް މިލާން ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ މިލާނުންނެވެ. މިމެޗްގައި މިލާނުން ޖެހި ހަމައެކަނި ލަނޑު މެޗް ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ޖަހައިދިނީ ޖޫނިއަރ މެސިއަސްއެވެ. ބްރެޒިލްއަށް ނިސްބަތްވާ މެސިއަސްއަކީ މީގެ 10 އަހަރު ކުރިން ޑެލިވަރީ ކުރުމުގެ ވަޒީފާއަކަށް އިޓަލީއަށް ދިޔަ މީހެކެވެ. މިމެޗްގައި އަމިއްލަ ދަނޑުގައި ކުޅުމާއެކުވެސް އެޓްލެޓިކޯގެ ފަރާތުން ހީކުރިވަރުގެ ކުޅުމެއް ފެނިގެނެއް ނުދިޔައެވެ.

މިކާމިޔާބީއާއެކު މިލާނަށް މިހާރުވަނީ ކުޅުނު ފަސް މެޗުން ލިބިފައިވާ 4 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައަށް ކުރިއަށް ޖެހިލާފައެވެ. ގިނަ އަހަރުގެ މެދު ކެނޑުމަކަށްފަހު ޗެމްޕިއަންސް ލީގުގައި ވާދަކުރަމުންދާ މިލާނަށް މިފަހަރުގެ ފެށުން ގޯސްވި ނަމަވެސް މިހާރުވަނީ ދެވަނަ ބުރަށް ދިއުމުގެ ހަނި ފުރުސަތެއް ތަނަވަސްވެފައެވެ. މިގޮތުން މިލާނަށް ފުރުސަތު އޮތީ ފަހު މެޗްގައި ލިވަޕޫލާއި ބައްދަލުކުރާ މެޗުން މޮޅުވުމުގެ އިތުރުން އެޓްލެޓިކޯ އާއި ޕޯޓޯ ބައްދަލުކުރާ މެޗުން އެތްލެޓިކޯ މޮޅުވެ ނުވަތަ އެމެޗް އެއްވަރު ވުމުންނެވެ. އެމެޗް އެޓްލެޓިކޯ ކާމިޔާބުކޮށް އަދި މިލާން ލިވަޕޫލްއަތުން ބަލިވެއްޖެ ނަމަ އެފުރުސަތު ލިބިގެންދާނީ އެތްލެޓިކޯއަށެވެ.