ކުޅިވަރު

ކުޅިވަރަށާއި މިއުޒިކަށް ގިނަ ހިދުމަތްތަކެއް ކޮށްފައިވާ އަހުމަދު ރިޒާ ނިޔާވެއްޖެ


ދިވެހި ކުޅިވަރަށާއި މިއުޒިކީ ދާއިރާ އަށް ގިނަ ހިދުމަތްތަކެއް ކޮށްފައިވާ ހެންވޭރު ތަރަބޫޒުގޭ އަހުމަދު ރިޒާ (ތަރަބޫޒު ރިޒާ) ނިޔާވެއްޖެއެވެ.

ރިޒާ އަކީ 1980ގެ އަހަރުތަކާއި 1990ގެ އަހަރުތަކުގައި ފުރަތަމަ ޑިވިޝަންގެ ފުޓްބޯޅަ މެޗުގައި ރޮނގު ބެލެހެއްޓި ލައިންސްމަނެކެވެ. އަދި ދެ ވަނަ ޑިވިޝަނާއި ތިން ވަނަ ޑިވިޝަނުގެ މެޗުތަކާއި އަތޮޅު ފުޓްބޯޅަ މުބާރާތުގައި ރެފްރީކަން ކުރިއެވެ.

ރިޒާ ފުޓްބޯޅަ މެޗެއްގައި ބައިކޮޅަށް ތިން ގޯލް ޖަހައި "ހެޓްރިކް" އެއް ހެދި ވާހަކައަކީވެސް ވަރަށް މަޝްހޫރުވި ވާހަކައެކެވެ.

ރިޒާ އާ ބެހޭގޮތުން އޮލިންޕިކް ކޮމިޓީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް ވިދާޅުވީ އެއީ ކުޅިވަރުގެ އާއިލާއަށް ގެއްލިގެން ދިޔަ އަގުނުކުރެވޭ ފަދަ ޚިދުމަތްތަކެއްކޮށްފައިވާ ބޭފުޅެއްކަމަށެވެ. އެގޮތުން އެފްއޭއެމުން ކޮންމެ ވަގުތަކު ގޮވާލިއަސް ވަގުތުން އެކަމަށް އިޖާބަ ދެއްވާ ބޭފުޅެއްކަމަށެވެ. އަދި އެއީ ވަރަށް ސްޓައިލިޝް ލައިންސްމަނެއް ކަމަށާއި، ވަރަށް އެކުވެރި، އެންމެންނާއި ގުޅިގެން މަސައްކަތްކުރާ މީހެއްކަމަށް އިބްރާހީމް އިސްމާއީލް ވިދާޅުވިއެވެ.

ރިޒާ އަކީ ލަވަކިޔައި ބެރު ޖެހުމުގައި ފާހަގަކޮށްލެވޭ ފަންނާނެކެވެ. ރިޒާ އަކީ ސަމާސާ މިޒާޖެއްގެ އެންމެންނާ ވެސް ގުޅޭ އިޖްތިމާއީ މީހެކެވެ. އޭނާ ބައެއްގެ ތެރޭގައި ހުންނަ ނަމަ މަޖާ ވާހަކަތައް ދައްކައި އެންމެން ހެއްވާލައި ރޫހު އާކޮށްދެއެވެ.

މާތްﷲ ރިޒާގެ ފުރާނަފުޅަށް ހެޔޮ ރަޙުމަތް ލައްވާ ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށިއެވެ. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ.