ކުޅިވަރު

ލިވަޕޫލާއި ޕޯޓޯ ބައްދަލުކުރިމެޗް ލިވަޕޫލް ކާމިޔާބުކޮށްފި


ޔުއޭފާ ޗެމްޕިއަންސް ލީގު ގްރޫޕް ބީގައި ލިވަޕޫލާއި އެފްސީ ޕޯޓޯ ބައްދަލުކުރިމެޗް ލިވަޕޫލް ކާމިޔާބުކޮށްފިއެވެ. ލިވަޕޫލްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލުންނެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 52 ވަނަ މިނެޓްގައި ލިވަޕޫލަށް ކާމިޔާބުކޮށްދިނީ ތިއާގޯ އަލްކަންޓާރާއެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު މެޗުގެ 70 ވަނަ މިނެޓްގައި ޖަހައިދިނީ މުހައްމަދު ސަލާހްއެވެ. މިމެޗްގައި ޕޯޓޯއަށްވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބިގެން ގޮސްފައިވެއެވެ. ނަމަވެސް އެއްވެސް ފުރުސަތެއްގެ ބޭނުން އެޓީމަށްވަނީ ހިފޭގޮތް ނުވެފައެވެ.

މިކާމިޔާބީއާއެކު މިގްރޫޕްގައި ލިވަޕޫލް މިހާތަނަށް ކުޅުނު ފަސް މެޗްވެސް މިވަނީ ކާމިޔާބުކޮށްފައެވެ. އަދި ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށްވެސް ވަނީ ދަތުރުކޮށްފައެވެ. މިމެޗުން ބަލިވުމުން ޕޯޓޯއަށް މިމުބާރާތުގެ ދެވަނަ ބުރަށްދިއުމުގެ އިންތިޒާރު މިވަނީ ދިގުވެގެން ގޮސްފައެވެ. މިގޮތުން އެޓީމަށް ދެވަނަ ބުރުގެ ފުރުސަތު ލިބިގެންދާނީ ފަހު މެޗްގައި އެޓްލެޓިކޯ މެޑްރިޑާއި ބައްދަލުކުރާ މެޗުން މޮޅުވެގެންނެވެ. މިގްރޫޕުން ދެވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އެޓްލެޓިކޯ އަށާއި އޭސީ މިލާނަށްވެސް މިހާރު އެބައޮތެވެ.