ކުޅިވަރު

ޕީއެސްޖީ ބަލިކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސިޓީ ދެވަނަ ބުރަށް


ޔުއޭފާ ޗެމްޕިއަންސް ލީގު ގްރޫޕް އޭ ގައި މެންޗެސްޓަރ ސިޓީ އާއި ޕެރިސް ސެއިންޓް ޖަރމެއިން ބައްދަލުކުރިމެޗް ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ސިޓީ ދެވަނަ ބުރުން ޖާގަހޯދައިފިއެވެ. ސިޓީގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ ފަހަތުން އަރާ 2 ލަނޑު އެއްލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވަރަށް ވާދަވެރި އަދި އެހާމެ ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީއިންނެވެ. މިމެޗްގެ ކުރީކޮޅު ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ވަރަށް ހަމަހަމަ އަދި ހަމަލާއަށް އިސްކަންދީގެން ކުޅުނުތަނެވެ. ނަމަވެސް ފުރަތަމަ ހާފްގެ ވަކި ހިސާބަކުން ސިޓީއިން މެޗްގެ ކޮންޓްރޯލް އަތުލައި ޕީއެސްޖީގެ ގޯލަށް ނުރައްކާކުރަން ފެށިއެވެ. މިގޮތުން ފުރަތަމަ ހާފްގައި ސިޓީއިން ޕީއެސްޖީގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ޕީއެސްޖީގެ ޑިފެންސް ފެނިގެންދިޔައީ ސިޓީގެ މިހަމަލާތަކަށް ފުރިހަމަ ތައްޔާރުވެ ތިބި ތަނެވެ. މިގޮތުން ޕީއެސްޖީއިން ވަނީ މިމެޗްގެ ފުރަތަމަ ހާފްގައި ވަރަށް ރަނގަޅަށް ޑިފެންޑް ކޮށް އަދި ލިބޭ ފުރުސަތު ތަކުގައި ހަމަލާވެސް އުފައްދާފައެވެ. މިމެޗްގެ ދެވަނަ ހާފްގައިވެސް ސިޓީގެ ހަމަލާތަކާއެކު ފެށި ނަމަވެސް މެޗްގެ 50 ވަނަ މިނެޓްގައި ޕީއެސްޖީ އިން އުފެއްދި ހަމަލާއެއްގައި އެޓީމުން ޗްގެ ލީޑު ނެގިއެވެ. ނޭމާ އާއި ލިއޮނެލް މެސީ ގުޅިގެން އުފެއްދި މިހަމަލާގައި ލަނޑު ޖަހައިދިނީ ކިލިއަން އެމްބާޕޭއެވެ. މިމެޗްގައި ސިޓީއިން އެއްވަރު ކުރި ލަނޑު މެޗްގެ 63 ވަނަ މިނެޓްގައި ޖަހައިދިނީ ރަހީމް ސްޓަރލިންއެވެ. އަދި މިމެޗުން ސިޓީ މޮޅުވި ލަނޑު މެޗްގެ 76 ވަނަ މިނެޓްގައި ޖަހައިދިނީ ގެބްރިއަލް ޖޭސުސްއެވެ.

މިކާމިޔާބީއާއެކު ސިޓީއަށް ވަނީ ކުޅުނު ފަސް މެޗުން 12 ޕޮއިންޓް ލިބިފައެވެ. އަދި މިއާއެކު ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި މިވަނީ ދެވަނަ ބުރުން ޖާގަވެސް ލިބިފައެވެ. މިމެޗުން ބަލިވި ނަމަވެސް ޕިއެސްޖީއަށްވެސް ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައި މިމުބާރާތުގެ ދެވަނަ ބުރުން ޖާގަ ލިބިގެން ގޮސްފައެވެ. ޕީއެސްޖީ ދެވަނަ ބުރަށް ދިޔައީ މިގްރޫޕްގައި ދެން ހިމެނޭ ދެ ޓީމް ކަމަށްވާ އާރްބީ ލިޕްޒިގް އާއި ކްލަބް ބްރޫޖް ބައްދަލުކުރިމެޗް ލިޕްޒިގް ކާމިޔާބު ކުރުމުންނެވެ. މިމެޗް ލިޕްޒިގް ކާމިޔާބުކުރީ ރަށުން ބޭރުގައި ފަސްލަނޑު ސުންލަނޑުންނެވެ.