ކުޅިވަރު

އާރްއާރްސީ، ޕްރިޒަން ކްލަބް، އެފްއެސްއެމް އަދި ޕީޖީ އޮފީހަށް މޮޅެއް


ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް އަމާޒްކޮށްގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތުގައި ރޭ ކުޅުނު މެޗްތައް ރޯޑް ރިކްރިއޭޝަން ކްލަބް (އާރްއާރްސީ)، ޕްރިޒަން ކްލަބް، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އަދި ޕީޖީ އޮފީސް (ކްލަބް 220) ކާމިޔާބުކޮށްފިއެވެ. ރޯޑް ރިކްރިއޭޝަން ކްލަބް މެޗް ކާމިޔާބުކޮށްފައިވަނީ ފެން ކުލަބްއާއި ވާދަކޮށް 2 ލަނޑު 0 ލަނޑުން މެޗް ކާމިޔާބުކޮށްގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ދެ ޓީމަށްވެސް މެޗްގެ ފުރަތަމަ ހާފްގައި ގޯލް ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ނަމަވެސް މީގެއިން އެއްވެސް ފުރުސަތެއްގެ ބޭނުން މީގެއިން އެއްވެސް ޓީމަކަށް ހިފޭ ގޮތެއް ނުވިއެވެ. މެޗްގެ ލަނޑުތައް ފެނިގެންދިޔައީ ފަހު ހާފްގެ ފަހު 10 މިނެޓްގެ ތެރޭގައެވެ. ރޯޑް ރިކްރިއޭޝަން ކްލަބުން ޖެހި ދެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޢަލީ ޝިފާއު އާއި ޢަބްދުﷲ މިދުހަތެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މިމުބާރާތުގައި ޕްރިޒަން ކުލަބުންވަނީ އޭވިއޭޝަން ސެކިއުރިޓީ 2 ލަނޑު 0 ލަނޑުން ބަލިކޮށްފައެވެ. މިމެޗްގައިވެސް ފެނިގެންދިޔަ 2 ލަނޑު ޖަހާފައިވަނީ މެޗްގެ ދެވަނަ ހާފްގައެވެ. ދެވަނަ ހާފްގައި ފެނިގެންދިޔަ ލަނޑުތައް ޕްރިޒަން ކުލަބަށް ޖާހާފައިވަނީ އިބްރާހިމް ހަލީމާއި އަހުމަދު ޝަމާލެވެ. ޕީޖީ އޮފީހުން މެޗް ކާމިޔާބުކޮށްފައިވަނީ ސިވިލް ކޯޓާއި ވާދަކުރި މެޗް 4 ލަނޑު 1 ލަނޑުން ކުރި ހޯދައިގެންނެވެ. މެޗްގައި ސިވިލް ކޯޓުގެ ލަނޑުތައް ޖެހީ ޢަބްދުލްވާހިދު އިބްރާހިމް (ވާޑު)ގެ، އިތުރުން މައްސޫދު ޝަބީނާއި ޢަލީ އިކްރާމެވެ. މީގެ ތެރެއިން އިކްރާމް ވަނީ ދެ ގޯލު ޖަހައިފައެވެ. ސިވިލް ކޯޓުން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު އުނައިސެވެ. އެފްއެސްއެމުން ޕްލޭނިން މިނިސްޓްރީގެ މައްޗަށް ކުރި ހޯދީ 7 ލަނޑު 3 ލަނޑުންނެވެ. މިމުބާރާތުގައި މިރޭ 6 މެޗް ކުޅުމަށްވަނީ ހަމަޖެހިފައެވެ. އެއީ ފިރިހެން 4 މެޗާއި އަންހެން 2 މެޗެވެ.