ޚަބަރު

ރަސްފަރީ ފަރަށް އެރި ބޯޓުގެ މައްސަލައިގެ ޖޫރިމަނާއަށް ބަދަލު ނުގެންނަން ނިންމައިފި


ކ.ރަސްފަރީ ފަރަށް އެރި "އެމް.ވީ ނަވިއޯސް އަމަރިލިސް" ނަމަކަށް ކިޔާ އާގު ބޯޓުގެ މައްސަލައާ ގުޅިގެން ކުރި ޖޫރިމަނާއަށް އެއްވެސް ބަދަލެއް ނުގެންނެވުމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ނިންމަވައިފިއެވެ.

މިގޮތަށް ނިންމެވީ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީ.ޕީ.އޭ)އިން ކޮށްފައިވާ 100 މިލިއަން ރުފިޔާގެ ޖޫރިމަނާ ދެއްކުމުގެ މައްސަލަ ބަދަލުކޮށްދޭން ބޯޓުގެ ވެރިފަރާތުން އެންވަޔަރަންމަންޓް މިނިސްޓްރީގައި އިސްތިއުނާފު ކުރުމާ ގުޅިގެންނެވެ. އެހެން ނަމަވެސް އީޕީއޭގެ އެ ނިންމުން ބަދަލު ކުރަން އަންގަންޖެހޭނެ އެއްވެސް ތަނެއް ނެތްކަމަށް މިނިސްޓަރ ނިންމަވާފައިވާކަމަށް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ބޯޓު ފަރަށް އެރުމުގައި ބޯޓު ދުއްވަން އިން ފަރާތުގެ އިހުމާލު ވަރަށް ބޮޑަށް އޮތްކަމަށާއި، ބޯޓުގެ އިންޖީނެއްގެ ޓެމްޕަރޭޗަރ މަތިވުމުގެ ސަބަބުން އޮގަސްޓް މަހުގެ 18ވަނަ ދުވަހު ބޯޓުގެ އެ އިންޖީނު ނިއްވާލާފައިވާކަމަށް ވެސް މިނިސްޓްރީއަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭކަމަށް މިނިސްޓަރުގެ އެ ނިންމެވުމުގައި ފާހަގަކުރެއްވިއެވެ.

އޮގަސްޓް މަހުގެ 19ވަނަ ދުވަހު 13:00 ގައި ފަރަށް އަރާފައިވާ ބޯޓު، ރަސްމީކޮށް ސަރުކާރުގެ މުއައްސަސާތަކަށް ބޯޓުގެ ވެރިފަރާތުން ރިޕޯޓުކޮށްފައި ވަނީ އެ ދުވަހުގެ ރޭ 21:00 ގައެވެ. ބޯޓުގެ ވެރި ފަރާތުގެ ކުރިން، ރަސްފަރި ބެލެހެއްޓުމުގެ ޒިންމާ އަދާކުރާ މުވާސަލާތީ ކުންފުނި ކަމަށްވާ ދިރާގުން ވަނީ އީޕީއޭ އަށް މި މައްސަލަ ރިޕޯޓުކޮށްފައެވެ.

މިހެންވުމުގެ ސަބަބުން ބޯޓުގެ ވެރިފަރާތުން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް އަންގައި އެއްބާރުލުން ދިންކަމަށް ބަލައި ގަނެވޭނެ ޖާގައެއް ނެތްކަމަށާ، ކުއްލި ހާލަތެއްކަމަށް ޤަބޫލުކޮށް ވަގުތު އޮއްވައި ކަމާބެހޭ ފަރާތްތަކަށް އަންގައި އެ ފަރާތްތަކުގެ އެހީތެރިކަން ހޯދިނަމަ، ބޯޓު ފަރަށް އެރުމުން ސަލާމަތްކުރެވުނީސް ކަމަށް ދާއިރާގެ މާހިރުންނާއި ސަރުކާރުގެ ގުޅުން ހުރި މުއައްސަސާތަކުން ދެކޭކަމަށްވެސް މިނިސްޓަރުގެ ނިންމެވުމުގައި ވަނީ ފާހަގަކުރައްވާފައެވެ.

ދިވެހިރާއްޖެއަށް ލިބިފައިވާ ޤުދުރަތީ އެންމެ ބޮޑު ރައުސްމާލަކީ ދިވެހިރާއްޖޭގެ ފަރުތަކުގެ ނިޒާމްއެވެ. މި ނިޒާމުގެ މައްޗަށް ރާއްޖޭގެ މުޅި އިޤްތިޞާދު ބިނާވެފައިވާ، ފަތުރުވެރިކަމާއި މަސްވެރިކަން އެއާއި ނުލާ ދެމެހެއްޓެނިގޮތެއްގައި ކުރިއަށް ނުގެންދެވޭނެ ނިޒާމެއްވެސްމެއެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ބޯޓު ފަރަށް އަރައި، ލިބޭ ގެއްލުމުގެ އިތުރުން ތެޔޮ ލީކުވުން ފަދަ ހާދިސާއެއް ހިނގިނަމަ، ރާއްޖޭގެ ތިމާއެއްޓަށާއި މަސްވެރިކަމަށާއި ޢާންމު ސިއްހަތަށާއި ފަތުރުވެރިކަމަށް ވެސް އޭގެ ނޭދަވޭ އަސަރު، އަހަރުތަކެއް ވަންދެން ކުރާނެކަމީ ޝައްކެއްވެސް ނެތް ކަމެކެވެ.

ބޯޓު އެރި ފަރަކީ 1995އިން ފެށިގެން ހިމާޔަތްކޮށްފައިވާ ފަރެކެވެ. މާލެ އަތޮޅުގައި އޮންނަ ތިމާވެށީގެ ގޮތުން އެންމެ މުހިއްމު އެއް ސަރަހައްދުވެސްމެއެވެ.