ކުޅިވަރު

ޕްރެޒިޑެންޓްސް ލީގުގައި ފައިނަލް ކުޅޭ ގޮތަށް ބަދަލްކޮށްފި


ޕްރެޒިޑެންޓްސް ލީގުގަ ފައިނަލް ކުޅޭ ގޮތަށް ބަދަލްކޮށްފިއެވެ. ކުރިން އެފްއޭއެމުން ނެރުނު ސީޒަން ކަލަންޑަރުގައި ވާގޮތުން ސީޒަން ފެށުމަށް ނިންމާފައިވަނީ ޕްރެޒިޑެންޓްސް ކަޕުންނެވެ. ނަމަވެސް ކަލަންޑަރު ރިވިއުކޮށް، އެފްއޭއެމުން ކުރިއަށް އޮތް ސީޒަނަށް ކަލަންޑަރު ނެރުނުއިރުވަނީ، ޕްރެޒިޑެންޓްސް ލީގު އުސޫލަށް ބަދަލްކޮށްފައެވެ. ނަމަވެސް އެލީގުގައި ފައިނަލް މެޗެއް ކުޅޭގޮތަށް ނެތެވެ. އޭރުގައި އެފްއޭއެމުން ނިންމީ ފުރަތަމަ ޑިވިޝަންގައި ވާދަކުރާ 8 ޓީމު ލީގް އުސޫލުން ބުރެއް ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ފައިނަލްގައި ކުޅޭ ގޮތަށެވެ. ނަމަވެސް ފަހުން އެފްއޭއެމުންވަނީ ޕްރެޒިޑެންޓްސް ލީގުގައިވެސް ފައިނަލް މެޗް ކުޅޭގޮތަށްވަނީ ބަދަލްކޮށްފައެވެ. މިމުބާރާތުގެ ފައިނަލްގައި ކުޅޭނީ ލީގް ބުރުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.

އެކި ސަބަބުތަކާއި ހުރެ ޕްރެޒިޑެންޓްސް ކަޕް ނުބާއްވާތާ މިހާރު 4 އަހަރުވެއްޖެއެވެ. އެންމެ ފަހުން ޕްރެޒިޑެންޓްސް ކަޕް ބާއްވާފައިވަނީ 2017ވަނަ އަހަރުއެވެ. މިމުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 23ވަނަ ދުވަހުއެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ތަށި އެންމެ ފަހުން އުފުލާލި ޓީމަކީ ނިއު ރޭޑިއަންޓެވެ. ނިއުއިން 2017 ވަނަ އަހަރުގެ މިތަށި ކާމިޔާބުކޮށްފައިވަނީ ޓީސީ ސްޕޯޓްސް ކްލަބް 3 ލަނޑު 0 ލަނޑުން ބަލިކޮށްގެންނެވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާނީ އަންނަ މަހު 15 ވަނަ ދުވަހު ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗުންނެވެ. އެ މެޗުގައި ވާދަކުރާނީ މިދިޔަ ސީޒަނުގެ ލީގު ޗެމްޕިއަން މާޒިޔާ އާއި ރަނަރަޕް ކްލަބް ވެލެންސިއާއެވެ.