ޚަބަރު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި


އަންނަ އަހަރާ ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 36.99 ބިލިއަން ރުފިޔާ ރުފިޔާގެ ބަޖެޓެކެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 36.92 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ޕީއެސްއައިޕީއަށާއި ބައެއް މުއައްސަސާތަކުގެ ބަޖެޓަށް 73 މިލިއަން ރުފިޔާ އިތުރުކުރުމުން ބަޖެޓް ޖުމްލަ ވަނީ 36.99 ބިލިއަން ރުފިޔާއަށް އަރާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓް ފާސްކުރީ 64 މެމްބަރުންގެ ވޯޓުންނެވެ. ބަޖެޓް ފާސްކުރަން ނުފެންނަކަމަށް ވޯޓް ދެއްވީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ 8 މެމްބަރަކެވެ.

މަޖިލީހުން ބަޖެޓަށް ބަދަލު ގެނެސްފައިވަނީ ބައެއް ރަށްރަށުގެ ޕީއެސްއައިޕީގެ މަޝްރޫޢުތަކަށާއި، ބައެއް މުއައްސަސާގެ ބަޖެޓަށް ފައިސާ އިތުރުކުރުމަށެވެ. އެގޮތުން 82 ރަށެއްގެ ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ޖުމުލަ 57.4 މިލިއަން ރުފިޔާ ވަނީ އިތުރުކޮށްދީފައެވެ. އަދި ރައްޔިތުންގެ މަޖިލީހާއި ފިނޭންސް މިނިސްޓްރީގެ ޚާއްސަ ބަޖެޓާއި 7 މިނިވަން މުއައްސަސާއެއްގެ ބަޖެޓަށް ޖުމުލަ 16.4 މިލިއަން ރުފިޔާ ކޮމިޓީން ވަނީ އިތުރުކޮށްދީފައެވެ.

ބަޖެޓް އިތުރުކުރި ކަންކަމުގެ ތަފްސީލް
1- ރައްޔިތުންގެ މަޖިލިސް އިދާރާގެ ނިއު ޕޮލިސީ އިނީޝިއޭޓިވްސްއަށް: 7 މިލިއަން ރުފިޔާ
2- ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑިޖިޓަލައިޒް ކުރުމަށް: 5 ލައްކަ ރުފިޔާ
3- ސިވިލް ސާވިސް އެންހޭންސިން ޑިޖިޓަލް ޓްރާންސްފޮމޭޝަން އޮފް ސިވިލް ސާވިސް ޕްރޮޖެކްޓަށް: 1.69 މިލިއަން ރުފިޔާ
4- ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުން: 865،636 ރުފިޔާ
5- އިންތިޤާލީ އިންސާފުގެ އޮމްބަޑްސްމަން އޮފީހަށް: 2.2 މިލިއަން ރުފިޔާ
6- އޭސީސީއަށް، އެމްއެމްޕީއާރްސީ މައްސަލައިގައި ތަހުގީގު ނިންމަން ބޭނުންވާ މުވައްޒަފުން ނެގުމަށް: 3.9 މިލިއަން ރުފިޔާ
7- އިންފޮމޭޝަން ކޮމިޝަނަރު އޮފީހަށް ލޯ ފާމެއް ހެދުން: 204،000 ރުފިޔާ
8- މިނިސްޓްރީ އޮފް ފިނޭންސުގެ ހާއްސަ ބަޖެޓުން ސިޔާސީ ޕާޓީތަކަށް: 73،782ރ. ރުފިޔާ
ބަޖެޓް ކޮމިޓިން ވަނީ ފިނޭންސް މިނިސްޓްރީން ލަފާކޮށްފައިވާގޮތަށް އަންނަ އަހަރު 24 ބިލިއަން ރުފިޔާގެ އާމްދަނީ ލިބޭނެކަމަށްވެސް ނިންމަވާފައެވެ.

އަންނަ އަހަރަށް ހުށަހަޅާފައިވާ ދަޢުލަތުގެ ބަޖެޓަކީ ރާއްޖޭގައި ޒާމާނުއްސުރެ މިހާތަނަށް އުފެދިފައި ހުރި ގިނަ މައްސަލަތަކަށް ހައްލެއް ހޯދުމަށް ހުށަހަޅާ ބަޖެޓެއްކަަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވަނީ ވިދާޅުވެފައެވެ. ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ، އަންނަ އަހަރަށް ހުށަހަޅާފައިވާ ދަޢުލަތުގެ ބަޖެޓުން ޕީއެސްއައިޕީ މަޝްރޫޢުތަކަށް ބަލާލި ކަމުގައިވިއަސް މިއީ، އުއްމީދީ ބަޖެޓެއް ކަމަށެވެ.

އެގޮތުން ބަޖެޓުގެ ތެރެއިން ޢުމްރާނީ ތަރައްޤީއާއި، ވަސީލަތްތައް އިތުރު ކުރުމާއި އިންސާނީ ވަސީލަތް ބިނާކުރުމަށް މަސައްކަތް ކުރެވިގެން ދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިއީ ޒަމާންވީ ގިނަ މައްސަލަތަކަށް %100 ހައްލެއް ހޯދޭނެ ބަޖެޓެއް ކަމުގައި ނުވިނަމަވެސް ގިނަ މައްސަލަތަކަށް ހައްލެއް ހޯދުމަށް ހުށަހަޅާ ބަޖެޓަކަށް މިބަޖެޓު ވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.