ޚަބަރު

ޔަމަނުގެ ހަނގުރާމައިގައި 377,000 މީހުން މަރުވާނެކަމަށް ލަފާކޮށްފި


2021ވަނަ އަހަރު ނިމުމުގެ ކުރިން ޔަމަނުގެ ދާޚިލީ ހަނގުރާމައިގައި މަރުވި މީހުންގެ ޢަދަދު 377,000އަށްވުރެ އިތުރުވާނެކަމަށް އދން ލަފާކޮށްފިއެވެ.

އދގެ ތަރައްޤީއާބެހޭ ވުޒާރާއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ޔަމަނުގެ ދާޚިލީ ހަނގުރާމައިގައި މަރުވާނެކަމަށް ލަފާކޮށްފައިވާ މީހުންގެ %70އަކީ ފަސް އަހަރުން ދަށުގެ ކުޑަކުދިންކަމަށެވެ. އަދި ހަނގުރާމައިގައި %60 މީހުން މަރުވާނެކަމަށް ލަފާކޮށްފައިވަނީ ބަނޑުހައިހޫނުކަމާއި ތަފާތު ބަލިތަކުގެ ސަބަބުންކަމަށްވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެއީ ހަނގުރާމައިގެ ސަބަބުން މަރުވާނެކަމަށް ލަފާކޮށްފައިވާ ޢަދަދުތަކަށްވުރެ މަތީ ޢަދަދެއްކަމަށް އދން ބުނެއެވެ.

ޔަމަނުގެ ޙާލަތަކީ ދުނިޔޭގެ އެންމެ ބޮޑު އިންސާނީ ކާރިޘާކަމަށް އދން މީގެ ކުރިންވަނީ ފާހަގަކޮށްފައެވެ. އެ ގޮތުން 30 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ޔަމަނުގެ ދެބައިކުޅަ އެއްބައި މީހުން ދިރިއުޅެނީ ވަރަށް ފަޤީރު ޙާލަތެއްގައިކަމަށް އދންވަނީ ބުނެފައެވެ. އެ ޖަމުޢިއްޔާއިން އަންދާޒާކުރާ ގޮތުގައި ޔަމަނުގެ ޙާލަތަށް ހެޔޮ ބަދަލެއް ނާންނަމަ 2030ވަނަ އަހަރާ ހަމައަށް އެ ޤައުމުން 1.3 މިލިޔަން މީހުން މަރުވާނެއެވެ. އަދި އޭގެ ތެރެއިން %70 މަރުވާނެކަމަށް ލަފާކޮށްފައިވަނީ ބަނޑުހައިހޫނުކަމާއި ތަފާތު ބަލިތަކުގެ ސަބަބުންކަމަށް އދން ބުނެއެވެ. އެ ގޮތުން 2030ވަނަ އަހަރާ ހަމައަށް ޔަމަނުގެ އާބާދީގެ %65 ނުވަތަ 22 މިލިޔަން މީހުންގެ ޙާލަތު ނާޒުކު ފައްތަރަކަށް ވެއްޓޭނެކަމަށްވެސް އެ ޖަމުޢިއްޔާއިން ލަފާކޮށްފައިވެއެވެ.