އޮސްޓުރޭލިޔާއިން ކަނޑައަޅާފައިވާ ނުރައްކާތެރި ޖަމާޢަތްތަކުގެ ލިސްޓުގައި ލުބުނާނުގައި ޙަރަކާތްތެރިވާ ޙިޒުބުﷲ ޖަމާޢަތް ހިމަނައިފިއެވެ.
އޮސްޓުރޭލިޔާގެ ދާޚިލީ ވަޒީރު ކެރަން އެންޑުރޫސް ވިދާޅުވީ އަނިޔާވެރި ޢަމަލުތަކަކީ އެ ޤައުމުގެ ސަރުކާރުން ޤަބޫލުކުރާނެ ކަމެއް ނޫންކަމަށާއި ކުށެއް ނެތް ޢާއްމުން މެރުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ. އޭނާވަނީ ހަރުކަށި ފިކުރާއި ޙައްދުފަހަނައަޅާފައިވާ ކަނާތު ފިޔައިގެ ސިޔާސަތުތަކާ ދެކޮޅަށް ފިޔަވަޅުއެޅުމުގައި އޮސްޓުރޭލިޔާގެ ސަރުކާރުން ދެމިތިބޭނެކަމަށް ވިދާޅުވެފައެވެ.
އޮސްޓުރޭލިޔާއިން ކަނޑައަޅާފައިވާ ނުރައްކާތެރި ޖަމާޢަތްތަކުގެ ލިސްޓުގައި ޙިޒުބުﷲގެ އަސްކަރީ ގޮފިވަނީ 2003ވަނަ އަހަރުގެ ތެރޭގައި ހިމަނައިފައެވެ. އޮސްޓުރޭލިޔާގެ އިތުރުން އެމެރިކާއާއި އިނގިރޭސިވިލާތާއި ކެނެޑާއި ސަޢުދީ ޢަރަބިއްޔާއިންވަނީ ޙިޒުބުﷲއަކީ ނުރައްކާތެރި ޖަމާޢަތެއްކަމަށް ކަނޑައަޅައިފައެވެ.
މ،ިދިޔަ މެއި މަހުގެ ތެރޭގައި އެމެރިކާއިންވަނީ ޙިޒުބުﷲއާ ދެކޮޅަށް ފިޔަވަޅުއެޅުމަށް ދުނިޔޭގެ ޤައުމުތަކުގެ ސަރުކާރުތަކަށް ގޮވާލައިފައެވެ.