ގއ.ނިލަންދޫ ސްކޫލް ތަރައްޤީކުރުމަށް ޖަޕާނު ސަރުކާރުން 1.2 މިލިއަނަށްވުރެ ގިނަ ރުފިޔާގެ އެހީ ދީފިއެވެ. މިއީ ޖަޕާން ސަރުކާރުގެ ގްރާންޓް އެސިސްޓެންސް ފޯރ ގްރާސްރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް ސްކީމްގެ ދަށުން ފޯރުކޮށްދީފައިވާ އެހީތެރިކަމެކެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި ނިލަންދޫ ސްކޫލް އިތުރަށް ތަރައްޤީކުރުމަށް ބޭނުންވާ އެހީގެ އެއްބަސްވުމުގައި ސްކޫލްގެ ފަރާތުން ސޮއިކުރެއްވީ އެސްކޫލްގެ ޕްރިންސިޕަލް ޚަދީޖާ އިބްރާހިމްއެވެ. އަދި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ. ޖަޕާނުން ރާއްޖެއަށް ފޯރުކޮށްދީފައިވަނީ 75679 އެމެރިކާ ޑޮލަރު ނުވަތަ 1.2 މިލިއަނަށްވުރެ ގިނަ ދިވެހިރުފިޔާގެ އެހީއެވެ.
މިއެހީގެ ދަށުން ނިލަންދޫ ސްކޫލްގައި ލައިބްރަރީއެއް ޤާއިމުކުރުމާއި އެސްކޫލްގެ ގުރޭޑު 1 ގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ކްލާސްރޫމެއް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މިއެހީގައި ތަރައްޤީކުރެވޭ ޢިމާރާތްތަކަކީ ދިމާވާ ގުދުރަތީ ކާރިޘާ ތަކުގައާއި ކުއްލި ޙާލަތްތަކުގައި ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވެވޭނެ ފަދަ ކޮންސެޕްޓަކަށްކަމަށެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ ވިދާޅުވީ ޖަޕާނަކީ ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ޒަމާންވީ ބައިވެރިއެއްކަމަށެވެ. އަދި އެގޮތުގައި އަބަދުވެސް ދެމިތިބޭނެކަމަށެވެ.
ޖަޕާން ސަރުކާރުގެ ގްރާންޓް އެސިސްޓެންސް ފޯރ ގްރާސްރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް ސްކީމަކީ 1996 ވަނަ އަހަރުން ފެށިގެން ޤައުމުތަކުގެ ތަރައްޤީއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެޤައުމުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މީގެ ދަށުން ޤައުމުތަކުގެ ތަޢުލީމީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށާއި ތިމާވެއްޓާއި ސިއްޙީ ދާއިރާއާއި ދަތުރުފަތުރުގެ ނިޒާމާއި ޙަކަތައިގެ ދާއިރާ އިތުރަށް ތަރައްޤީކުރުމަށް އަންނަނީ މާލީގޮތުންނާއި ވަޞީލަތުގެ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ޖަޕާން ފާހަގަކުރެވެނީ ރާއްޖޭގެ ތަޢުލީމާ އަދި އިޖުތިމާޢީ އަދި ސެކިއުރިޓީ ކަށަވަރުކުރުމުގެ ދާއިރާއިންވެސް ދުވަސްވީ ޤައުމެއްގެ ގޮތުގައެވެ. އެގޮތުން 1980ގެ އަހަރުތަކުން ފެށިގެން އެޤައުމުން އަންނަނީ ރާއްޖޭގެ ތަޢުލީމީ ދާއިރާ ހަރުދަނާކުރުމަށް ބޮޑެތި އެހީތައް ފޯރުކޮށް ދެމުންނެވެ. އެގޮތުން މިވަގުތުވެސް މާލެއާއި އަތޮޅުތަކުގައި ހުރި ބައެއް ފާހަގަކޮށްލެވޭ ސްކޫލްތަކަކީ ޖަޕާން ސަރުކާރުގެ އެހީގައި ޢިމާރާތްކޮށްފައިވާ ސްކޫލްތަކެވެ.