ވިޔަފާރި

މިމަހުގެ މިހާތަނަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް

މިމަހުގެ މިހާތަނަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 22ވަނަ ދުވަހުގެ ނިޔަލަށް 104693 ފަތުރުވެރިންވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރު މި މުއްދަތާއި އަޅާ ބަލާއިރު، 329.5 އިންސައްތަ އިތުރު އަދަދެކެވެ. އަދި ކޯވިޑްގެ ކުރިން 2019ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 99558 ފަތުރުވެރިންނާއި އަޅާ ބަލާއިރު، 5.2 އިންސައްތަ އިތުރު އަދަދެކެވެ.

މަހުން މަހަށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތަކަށް ބަލާއިރު، ފާއިތުވީ 5 މަސް ދުވަހުވެސް ކޮންމެ މަހަކު ރާއްޖެއަށް ވަނީ ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް ފަތުރުވެރިން އައި މިންވަރު

 • ޖަނަވަރީ 92،103 ފަތުރުވެރިން
 • ފެބްރުއަރީ 96،882 ފަތުރުވެރިން
 • މާރޗް 109،585 ފަތުރުވެރިން
 • އޭޕްރީލް 91،200 ފަތުރުވެރިން
 • މެއި 64،613 ފަތުރުވެރިން
 • ޖޫން 56،166 ފަތުރުވެރިން
 • ޖުލައި 101،818 ފަތުރުވެރިން
 • އޮގަސްޓް 143،599 ފަތުރުވެރިން
 • ސެޕްޓެމްބަރ 114،896 ފަތުރުވެރިން
 • އޮކްޓޯބަރު 142،066 ފަތުރުވެރިން
 • ނޮވެމްބަރމަހުގެ މިހާތަނަށް 104،693 ފަތުރުވެރިން


މި ޢަދަދުތަކާއެކު އަހަރުގެ މިހާތަނަށް ރާއްޖެއަށްވަނީ 1،117،621 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 4759 ފަތުރުވެރިން އާދެއެވެ.

އަދި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި މި އަދަދަށް ރާއްޖެއަށް ފަތުރުވެރިން އަންނަމުންދާނަމަ އަހަރު ނިމޭއިރު، ރާއްޖެއަށް ޖުމްލަ 1.3 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރެއެވެ.