ޚަބަރު

ބްރެޒިލްއިން އައި މީހެއްގެ އަތުން 94 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިފި


ވައިގެ މަގުން، ރާއްޖެ އައި ބްރެޒިލް މީހެއްގެ އަތުން 94 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ހާމަކުރެއްވި ގޮތުގައި، މިމަހުގެ 2 ވަނަ ދުވަހު ރާއްޖެ އައި އުމުރުން 28 އަހަރުގެ ބްރެޒިލް ފިރިހެނަކާއި މެދު ޝައްކުކުރެވިގެން އޭނާގެ ލަގެޖް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ފާސްކުރިއިރު އޭނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.

އަދި މިތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ޓެސްޓުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިންކަން ވަނީ ޔަގީން ވެފައެވެ. މި މީހާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގައި ބަރުދަނުގައި 18.857 ކިލޯގެ ހުރި ކަމަށާއި މިތަކެތީގެ މަގުމަތީ އަގު 94 މިލިއަން ރުފިޔާއަށް އަރާ ކަމަށްވެސް ކަސްޓަމްސްއިން ހާމަކުރައްވައެވެ.

މި މައްސަލައިގައި ޝާމިލުވާ މީހާގެ އަތުން އަތުލާފައިވާ މަސްތުވާތަކެތި މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށްވެސް ކަސްޓަމްސްއިން ހާމަކުރައްވައެވެ.