ޚަބަރު

އަހަރަކު 20 ޕްރިންސިޕަލުން ތަމްރީން ކުރުމަކީ މިސަރުކާރުގެ އަމާޒެއް: މިނިސްޓަރ


ކޮންމެ އަހަރަކުވެސް 20 ޕްރިންސިޕަލުން ތަމްރީން ކުރުމަކީ މިސަރުކާރުގެ އަމާޒެއް ކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.އާއިޝަތު އަލީ ވިދާޅުވެއްޖެއެެވެ. އެޑިއުކޭޝަން މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް، ޕްރިންސިޕަލުން ނުލިބިގެން އުޅޭ ސަބަބާއި، އަދި ޕްރިންސިޕަލުން ހަރުނުލާ ރަށްރަށާމެދު އަމަލުކުރަން ރާވާފައިވާ ގޮތާ ގުޅޭގޮތުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރ އާއިޝަތު އަލީ ވިދާޅުވީ ސްކޫލްތައް ހިންގަން ރަނގަޅު ޤާބިލް ބޭފުޅުން މިދުވަސްވަރު ނުލިބޭ ކަމަށާއި، މިގޮތަށް ދިމާވަނީ ޕްރިންސިޕަލުންގެ މުސާރަ ކުޑަވުމުގެ ސަބަބުން ކަމަށެވެ. މިކަމަށް ހައްލެއް ހޯދާދިނުމުގެ ގޮތުން ރަށުން ބޭރު ރަށަކަށް ވަޑައިގަންނަވާނަމަ އިތުރު އެލަވަންސެންދިނުމަށް މިދިޔައަހަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ނިންމަވާފައިވާ ކަމަށެވެ. އެގޮތުން މިހާރު ހަމަޖައްސަވާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގެ އެދިވަޑައިގަތުމަށް އެހެން ރަށަކަށް ބޭފުޅަކު ވަޑައިގަންނަވާނަމަ އިތުރަށް 3000 ރުފިޔާގެ އެލަވަންސެން ދިނުމަށް ނިންމަވާފައިވާ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ޕްރިންސިޕަލުން ލިބުން ދަތި މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން ޕްރިންސިޕަލުން ތަމްރީންކުރުމުގެ 20 ސްކޮލަރޝިޕް ފުރުޞަތަށް މީހުން ހޯދުމަށް މިހާރު އިޢުލާންކޮށް އެމަސައްކަތް ކުރިއަށްދާ ކަމަށެވެ. އެޑިއުކޭޝަން މިނިސްޓްރީން މިކަމަށް ކުރައްވާފައިވާ އިޢުލާންގައިވާ ގޮތުން ދިވެހި ޕްރިންސިޕަލުން މެލޭޝިއާގައި ތަމްރީނު ކުރުމަށްޓަކައި މުސާރައާއި އެއްވަރުގެ އެލަވަންސެއްވަނީ ކަނޑައަޅާފައެވެ.

" އެންމެފަހުން ރާއްޖެއިން ބޭރުން ޕްރިންސިޕަލުން ތަމްރީނުކުރުމަށް ފޮނުވާފައި މިއޮތީ 2011 ވަނަ އަހަރު. ނަމަވެސް މިއަހަރު 20 ބޭފުޅުން ފޮނުވުމަށްޓަކައި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި. އެގޮތުން މިސަރުކާރުގެ ޕްލޭނަކީ އަހަރަކު 20 ޕްރިންސިޕަލުން ތަމްރީނުކުރުން. " އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދޅުވިއެވެ.

މި ސްކޮލާޝިޕަށް ހޮވޭ ފަރާތްތަކަށް ކިޔެވުމުގެ ޚަރަދާއި، މުސާރައާ އެއްވަރުގެ އެލަވަންސްގެ އިތުރުން ދެކޮޅު ޓިކެޓް ދިނުމަށްވަނީ ހަމަޖައްސާފައެވެ. މިސްކޮލާޝިޕަށް ހޮވޭ ފަރާތްތަކުން ކަނޑައެޅޭ ސަރުކާރުގެ ސްކޫލެއްގައި ވަކި މުއްދަތަކަށް، ޚިދުމަތްކުރުމަށްވަނީ ކަނޑައަޅުއްވާފައެވެ.