ވިޔަފާރި

މޮންގޯލިއަން އެއަރލައިންސްގެ ދަތުރުތައް ރާއްޖެއަށް


މޮންގޯލިއަން އެއަރލައިންސްގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.

މޮންގޯލިއަން އެއަރލައިންސްއިން ރާއްޖެއަށް ފަށާފައިވަނީ ޗާޓަރު ދަތުރުތަކެވެ. ފުރަތަމަ ފްލައިޓުގައި އިއްޔެ އައިސްފައިވަނީ މޮންގޯލިއާގެ ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވެލް ބްލޮގަރުންނާއި، ނޫސްވެރިންނެވެ. މިއީ ރާއްޖެ އިޝްތިހާރު ކުރުމަށް އައި ޓީމެެކެވެ. މި ޓީމުގެ ދަތުރަށްފަހު ރާއްޖެއާއި މޮންގޯލިއާއި ދެމެދު ޑިސެމްބަރު 27 އިން ފެށިގެން ޗާޓަރު ދަތުރުތައް ފަށާނެއެވެ. މިދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު މާރިޗު މަހުގެ ނިޔަލަށެވެ.

އެއަރ މޮންގޯލިއަންގެ ދަތުރުތައް ރާއްޖެއަށް ފަށާފައިވަނީ ކްރޫޒް ޓުއާރ މޯލްޑިވްސްއާއި އޯވްސަމް މޮންގޯލިއާ ގުޅިގެންނެވެ. އެގޮތުން މި ދަތުރުގައި ގެނައި ފަރާތްތަކުން މޮންގޯލިއާގެ ފަތުރުވެރިންނަށް ރާއްޖެ އިޝްތިހާރު ކޮށްދޭނެއެވެ. މީގެ އިތުރުން ރާއްޖޭގެ ދަތުރުވެރިންނަށްވެސް މޮންގޯލިއާގެ ޓްރެވެލް ޕެކޭޖުތައް މިކުންފުނިތައް މެދުވެރިކޮށް ލިބޭނެއެވެ.

ކޯވިޑަށް ފަހު ޤައުމުތަކުގެ އެއަރލައިންތަކުން ރާއްޖެއަށް ދަތުރުތައް ފަށަމުންދާއިރު މިދިޔަ ހަފްތާގެ ހުކުރު ދުވަހު އެއަރ ބަންގްލާއިންވެސް ވަނީ ރާއްޖެއަށް ޝެޑިއުލް ދަތުރުތައް އަލުން ފަށާފައެވެ.