ޚަބަރު

ބޯހިމެނުމުގެ މަސައްކަތަށް ޔުނިސެފުން 100 ޓެބްލެޓު ހަދިޔާކޮށްފި


އަންނަ އަހަރު ރާއްޖޭގައި ބާއްވަން ނިންމާފައިވާ ބޯހިމެނުމުގެ މަސައްކަތަށް، ޔުނެސެފްއިން ސްޓެޓިސްޓިކްސް ބިއުރޯއަށް 100 ޓެބްލެޓް ހަދިޔާ ކޮށްފިއެވެ.

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ބޯހިމެނުމުގެ މަޢުލޫމާތު ރައްކާކުރުމަށް 1876 ޓެބްލެޓް ބޭނުންވެއެވެ. މިހާތަނަށް ލިބިފައިވަނީ އެހެނިހެން ސާރވޭތަކަށް ގަނެފައިހުރި 187 ޓެބްލެޓާއި ޔުނިސެފުން ހަދިޔާ ކުރި 100 ޓެބްލެޓެވެ.

ބާކީ ޓެބްލެޓްތައް ސަރުކާރުގެ ބަޖެޓުންނާއި އެހެނިހެން ގޮތްގޮތުން ހަމަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސްޓެޓިސްޓިކް ބިއުރޯއިން ވިދާޅުވެއެވެ.

އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 17ގައި ފަށާ ދިވެހިރާއްޖޭގެ ބޯހިމެނުމުގެ މަސައްކަތަށް މަޢުލޫމާތު އެއްކުރުން ކުރިއަށްދާނީ ސެޕްޓެމްބަރު މަހުގެ 30ގެ ނިޔަލަށެވެ. ރާއްޖޭގެ އާބާދީއާއި ބޯހިމެނުމުގެ ބައެއް މަޢުލޫމާތުތައް އޮކްޓޯބަރު 6ވަނަ ދުވަހު ޢާއްމުކުރާނެއެވެ. އަދި މުޅި ސަރވޭގެ މަޢުލޫމާތު ހާމަކުރާނީ ޤައުމީ ތަފާސްހިސާބުތަކުގެ ދުވަސްކަމަށްވާ އޮކްޓޯބަރު 20ގައެވެ.

ރާއްޖޭގައި އެންމެ ފަހުން ބޯހިމަނާފަވަނީ 2014ވަނަ އަހަރުއެވެ. ބޯހިމެނުމުގެ މަސައްކަތަކީ ރާއްޖޭގެ އާބާދީ ދެނެގަނެ، ކުރިމަގުގައި ކަންކަން ރޭވުމުގައި ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. ޤާނޫނުން ލާޒިމުކުރަނީ ކޮންމެ 10އަހަރަކުން 1 އަހަރު މުޅި ރާއްޖެ ހިމެނޭހެން ބޯހިމެނުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށެވެ.