ޚަބަރު

އެފްޑީސީން އިމާރާތްކުރާ 4،000 ފްލެޓް ޚާއްސަ ކުރަނީ މާލޭ ރައްޔިތުންނަށް


ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ފަހި ދިރިއުޅުން ކޯޕަރޭޝަން މެދުވެރިކޮށް އިމާރާތްކުރަމުން އަންނަ 4000 ފްލެޓްގެ ބޮޑު ބައި ޚާއްސަ ކުރާނީ މާލޭގެ ރައްޔިތުންނަށް ކަމަށް ހައުސިން މިނިސްޓަރ މުޙައްމަދު އަޞްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ މި ފްލެޓްތަކުން ބޮޑު ބައި މާލޭގެ ރައްޔިތުންނަށް ޚާއްސަ ކުރުމަށް ނިންމާފައިވަނީ އެއްވެސް ގޮތެއް ނެތިފައި މި ވަގުތު ވެސް މާލޭގެ 5،000 އާއިލާ ތިބުމުން އެމީހުންނަށް ބޯހިޔާވަހިކަމެއް ހޯދައިދިނުމުގެ ގޮތުންކަމަށެވެ. މިނިސްޓަރ ވިދާޅުވީ އެ ފްލެޓްތައް ދޫކުރާނީ މާލޭގެ ރައްޔިތުންނާއި ދަފްތަރުގައި 15 އަހަރަށް ވުރެ ގިނަ ދުވަސްވީ މީހުންނަށް ކަމަށެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ ފެށުނީއްސުރެ ވެސް ރާއްޖޭގެ އާދަކާދައިގައި އަމަލުކުރާ ގޮތަކީ އެ ރަށަކަށް އުފަން މީހުންނަށް ބިން ދިނުން ކަމަށެވެ. މާލޭގެ މީހުންނަށް ވެސް އެ އުސޫލުން ބޯހިޔާވަހިކަން ބޭނުންވާ ކަމަށާއި ނަމަވެސް މިހާ ޒަމާންވި އިރުވެސް އެކަން އެގޮތަށް ނުވެ އޮތުމަކީ މާލޭގެ ރައްޔިތުންގެ ޝަކުވާއެއް ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެފްޑީސީން މިދިޔަ އަހަރު ތެރޭގައި ވަނީ ސައިނޯ ހައިޑްރޯ ގްލޯބަލް ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން 1،700 ހައުސިން ޔުނިޓުގެ މަސައްކަތް ފަށާފައެވެ. މިއީ 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1،020 އެޕާޓްމަންޓާއި 650 އަކަ ފޫޓުގެ ދެ ކޮޓަރީގެ 680 އެޕާޓްމެންޓެވެ.

މީގެ އިތުރުން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި 2،000 ހައުސިން ޔުނިޓް އިމާރާރް ކުރަން އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ ވަނީ ހަވާލުކޮށްފައެވެ. މި މަޝްރޫއުގައި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 600 ޔުނިޓް އަދި 900 އަކަފޫޓުގެ ތިން ކޮޓަރީ ގެ 1،400 ޔުނިޓް އިމާރާތް ކުރަން ވަނީ ނިންމާފައެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ އިންޖިނިއަރިން ޕްރޮކިއޯމަންޓް އެންޑް ކޮންސްޓްރަކްޝަން (އީޕީސީ) އާއި އަޝޯކާ ބިލްޑްކޮން ލިމިޓެޑާ ދެމެދު ވެސް މަޝްރޫއެއްގައި ސޮއިކޮށްފައެވެ. މިކޮންޓްރެކްޓުގެ ދަށުން 2،000 ހައުސިން ޔުނިޓް އިމާރާތް ކުރާނެއެވެ. އެއީ 2 ކޮޓަރިއާއި 3 ކޮޓަރީގެ އެޕާޓްމަންޓްތަކެވެ.