ޚަބަރު

ބޭސް ވިއްކޭނެ އެންމެމަތީ އަގާމެދު ވިޔަފާރިވެރިންގެ ޚިޔާލުހޯދަނީ

ރާއްޖޭގައި ވިއްކޭނެ އެންމެމަތީ އަގު ކަނޑައަޅާފައިވާ އަސާސީ ބޭހުގެ ލިސްޓް، ބޭސް އެތެރެކުރާ ފަރާތްތަކާއި ފާމަސީ ތަކުގެ ވެރިންނާ ޙިއްސާކޮށް އެފާރާތްތަކުގެ ޚިޔާލު ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

ސަރުކާރުން ވަނީ އަންނަ އަހަރުން ފެށިގެން ރާއްޖޭގައި އަސާސީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައެޅުމަށް ނިންމާފައެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އަތޯރިޓީން ވިދާޅުވީ ޑޮކްޓަރީ ބޭހުގެ އެމް.އާރް.ޕީ ކަނޑައެޅުމުގެ މަސައްކަތުގެ ތެރެއިން މިހާރު އެންމެ މަތީ އަގު ކަނޑައަޅާފައިވާ އަސާސީ ބޭހުގެ ލިސްޓް، ބޭސް އެތެރެކުރާ ފަރާތްތަކާއި އަދި ފާމަސީ ތަކުގެ ވެރިންނާ ޙިއްސާކޮށްފައިވާކަމަށެވެ. އަދި އަސާސީ ބޭސްތަކުގެ އެމް.އާރް.ޕީ ކަނޑައެޅުމުގެ ކުރިން، މިހާރު ކަނޑައަޅަފައިވާ އަގުތަކާ މެދު ފާމަސީތަކާއި ބޭސް އެތެރެކުރާ ފަރަތްތަކުގެ ޝަކުވާ އެއް ވާނަމަ އެކަން ލިއުމުން އެ އޮތޯރިޓީއަށް ހިއްސާކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި ކަމަށެވެ. މިގޮތަށް ހުށަހެޅޭ ޝަކުވާތައް އިވެލުއޭޓް ކުރުމަށްފަހު ކަނޑައަޅަފައިވާ އަގަށް ބަދަލެއް ގެންނަޖެހޭނަމަ އެބަދަލެއް ގެންނާނެކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ.

އެމްއެފްޑީއޭއިން ވިދާޅުވީ މިހާރު ކަނޑައަޅާފައިވާ އެމް.އާރް.ޕީ ކަލްކިއުލޭޓް ކޮށްފައިވަނީ ރާއްޖެއަށް ބޭސް އެތެރެކުރާ އިންވޮއިސްގެ އެފް.އޯ.ބީ އަގަށް %100 މާކަޕެއް ހިމަނައިގެންކަމަށެވެ. އަދި އިންވޮއިސްގެ އެފް.އޯ.ބީ ނެގުމުމަށްޓަކައި މައުލޫމާތު ނަގާފައިވަނީ ފައިތުވި 5 އަހަރު ރާއްޖެއަށް އެތެރެކޮށްފައިވާ ބޭހުގެ ޑޭޓަރ އިންނެވެ.

ފާއިތުވި 5 އަހަރުގެ އިމްޕޯޓް މައުލޫމާތު ނެގި ނަމަވެސް، ކޯވިޑްގެ ޙާލަތަށް ރިޢާޔަތް ކޮށް 2020އަދި 2021 ގައި އިމްޕޯޓް ކޮށްފައިވާ ބޭހުގެ އެފް.އޯ.ބީ އަގު ނަގާފައި ވަނީ މި ދެއަހަރުގެ މައުލޫމާތަށް ބިނާކޮށެވެ. އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 1ވަނަ ދުވަހު ތަންފީޒް ކުރުމަށް ކަނޑައެޅިފައިވާ މި ޕޮލިސީ ތަންފީޒުކުރުމުގެ ފުރަތަމަ މަރުހަލާގެ ދަށުން މިހާރު އެމް.އާރް.ޕީ ކަނޑައަޅަފައި ވަނީ މިވަގުތު އެމް.އެފް.ޑީއޭއިން އެޕްރޫވް ކޮށްފައިވާ ދިވެހިރާއްޖޭގެ އަސާސި ބޭސް ލިސްޓަގައި ހިމެނޭ ހުރިހާ ބޭހެއްގެ ހުރިހާ ބްރޭންޑަކަށެވެ.

މިސިޔާސަތުގެ ސަބަބުން ދިވެހިރާއްޖޭގައި ޑޮކްޓަރީ ބޭސް ވިއްކުމުގައި ހުރި ގިނަ މައްސަލަތަކަށް ހައްލު ލިބިގެން ދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އޭގެ ތެރޭގައި އާސަންދަ ނުލިބޭ ބޭސްތަކަށް އާންމު ފަރުދުންގެ ޖީބުންކުރާ ހޭދަ ކުޑަވުމާއި، ތަފާތު އަގުތަކުގައި އެއް ބޭހެއް (އެއް ބްރޭންޑް) ވިއްކުން ކޮންޓްރޯލް ކުރުމުގެ އިތުރުން ފާމަސީގެ ވެރިފަރާތުން ކަނޑައަޅާފައިވާ އަގާއި އަދި މިންގަނޑެއް ނެތި ބްލެކް މާކެޓްގައި ބޮޑު އަގުގައި ބޭސް ވިއްކުން ހުއްޓިގެން ދާނެއެވެ.

މިސިޔާސަތުގެ މަސައްކަތް ކުރިއަށް ގެންދިޔައިރު ފާހަގަ ކުރެވިފައިވާ ބޮޑެތި މައްސަލަތަކުގެ ތެރޭގައި، ބޭސްސިޓީއާ ނުލައި ވިއްކޭ ބައެއް އާދައިގެ ބޭސްތައް ތަފާތު އަގުތަކުގައި އެކި ފާމަސީތަކުން ވިއްކާފައިވާކަން އެ އޮތޯރިޓީން ފާހަގަކުރައްވައެވެ.

ރާއްޖޭގައި އެންމެ ގިނައިން މީހުން ބޭނުންކުރާ އެއްބޭސް ކަމުގައިވާ "އިސެމެޕްރަޒޯލް" ޖެނެރިކް ގެ ބްރޭންޑެއް ކަމުގައިވާ "އިސޯޒް"ގެ އަގަށް ބަލާއިރު 3.25 ރުފިޔާ އިން ފެށިގެން 6 ރުފިޔާ އާއި ހަމައަށް މާކެޓްގައި ބޭހުގެ އަގު ތަފާތު ހުރިކަން ފާހަގަ ކުރެވެއެވެ. ބޭސް ސިޓީއާ ނުލައި ވިއްކޭ މިފަދަ ބޭހުގެ އަގުގެ ތަފާތު ބޮޑުވުމަކީ ބޭސްގަތުމަށް ރައްޔިތުމީހާގެ ޖީބުން ކުރަންޖެހޭ ހަރަދު އިރުތުވެގެންދާނެ ކަމެކެވެ.

އެމް.އާރް.ޕީ ސިޔާސަތު ތަންފީޒްކޮށް ނިމޭއިރު ރާއްޖޭގެ އެޕްރޫވް ޑްރަގް ލިސްޓްގައި ހިމެނޭ ހުރިހާ ބޭހެއް ވިއްކޭނެ އެންމެ މަތި އަގު ކަނޑައެޅިގެން ދާނެކަމަށް އެމްއެފްޑީއޭއިން ވިދާޅުވެއެވެ. ނަމަވެސް ބޭހުގެ އަގަށް އަންނާ ބަދާލާއިއެކު ބޭހުގެ ރައްޔާތެރިކަމާއި ފެންވަރަށް އެއްވެސް ބަދަލެއް ނާންނާނެކަމުގެ ޔަޤީންކަން އެ އޮތޯރިޓީން ދެއްވައެވެ. އަދި ރައްޖޭއަށް ބޭސް އެތެރެކުރެވޭނީ ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ޔަގީން ކުރުމުގެ ހުރިހާ މަރުހަލާތަކެއް ފުރިހަމަ ކުރާނެކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ.

ބޭސް ޓެސްޓް ކުރުން ހަރުދަނާ ކުރުމުގެ ގޮތުން ނެޝަނަލް ހެލްތު ލެބޯޓްރީ އަޕްގްރޭޑް ކުރުމުގެ ގިނަމަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި މިހާރުވެސް 60އަށްވުރެ ގިނަ ޖެނެރިކް ޓެސްޓް ކުރާއިރު މިވަގުތު ރާއްޖެއިން ނުކުރެވޭ ޓެސްޓްތައް ކުރުމަށް ޓަކައި ސިންގަޕޫރުގެ ލެބޯޓްރީ އަކަށް ސާމްޕަލް ފޮނުވައިގެ ޓޭސްޓުކޮށް ބޭހުގެ ކޮލިޓީ އަންނަނީ މޮނިޓަރ ކުރަމުންނެވެ.