ޚަބަރު

އިތިއޮޕިޔާގެ ލަޝްކަރާއެކު ބޮޑުވަޒީރު ހަނގުރާމައިގެ ކުރީސަފަށް


ދާޚިލީ ހަނގުރާމައެއްގެ ބިރުވެރިކަން ބޮޑުވެފައިވާ އިތިއޮޕިޔާގެ އަސްކަރިޔާއާއެކު ހަނގުރާމައިގެ ކުރީސަފަށް ވަޑައިގަންނަވާނެކަމަށް އެ ޤައުމުގެ ބޮޑުވަޒީރު އަބީ އަޙްމަދު ވަޢުދުވެއްޖެއެވެ.

ނޮބެލް ޞުލްޙައިގެ އިނާމު ލިބިވަޑައިގެންފައިވާ ޢުމުރުފުޅުން 45 އަހަރުގެ އަބީ ޓުވިޓަރ މެދުވެރިކޮށް ވިދާޅުވީ ހަނގުރާމައިގެ ކުރީސަފަށް ވަޑައިގަންނަވަން ތައްޔާރަށް ހުންނެވިކަމަށެވެ، އަބީވަނީ ޤައުމަށްޓަކައި އިތިއޮޕިޔާގެ ޒުވާނުން ތެދުވުމަށްވެސް ގޮވާލައްވައިފައެވެ. އޭގެ އިތުރުން އޭނާވަނީ ބޭރު ޤައުމުތަކުން މަސައްކަތްކުރަނީ އިތިއޮޕިޔާގެ ސަރުކާރާ ދެކޮޅަށްކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ފާއިތުވި އަހަރުގެ ތެރޭގައި އެފްރިކާގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ޤައުމުކަމަށްވާ އިތިއޯޕިޔާގެ ޙާލަތު ގޯސްވެފައިވަނީ އެ ޤައުމުގެ އުތުރުގައި ދިރިއުޅޭ ޓިގުރޭ ދަރިކޮޅުގެ މީހުންނާ ޖެހުނު މައްސަލަތަކަކާ ގުޅިގެންނެވެ. އެ ގޮތުން އިތިއޯޕިޔާއާ ވަކިވެގަތުމަށް މަސައްކަތްކުރާ ޓިގްރައި ޕީޕަލްސް ލިބަރޭޝަން ފުރަންޓު، ޓީޕީއެލްއެފުގެ ފައުޖުތަކާއި އިތިއޮޕިޔާގެ ސިފައިންނާ ދެމެދު ބަދަލުކުރި ޙަމަލާތަކުގައި 2.5 މިލިޔަން މީހުންގެ ގެދޮރު ގެއްލުމުގެ އިތުރުން 7 މިލިޔަން މީހުންވަނީ ޙާލުގައި ޖެހިފައެވެ.

ހަނގުރާމައިގެ ކުރީ ސަފަށް ވަޑައިގަންނަވާނެކަން އަބީ އިޢުލާނުކުރައްވާފައިވަނީ ޓީޕީއެލްއެފުގެ ފައުޖުތައް އެ ޤައުމުގެ ވެރިރަށް އަދިސް އަބާދާއަށް މިޞްރާބު ޖަހާފައިވާ ދަނޑިވަޅެއްގައެވެ.